

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އައުމަކީ މުޅި ސޮސައިޓީގެ ހުރިހާ ކަމަކާ ބެހި ފަހު ބަސް ބުނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކަށް ލިބޭ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގައުމީ ދުވަހުގެ މުނާސަބާގައި ރައީސް މުއިއްޒު ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.
އެގޮތުން ގައުމީ ދުވަހުގެ މުނާސަބާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އަނެކާގެ އަނބުރާ ޝަރަފާ އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ލިބޭ މިނިވަންކަމެއް ނޫން ކަމަށެވެ. އަދި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ބެލުމެއް ނެތި ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ ވެސް މިނިވަންކަން ނޫން ކަމަށް ވިދާޅުވެ ނުސީދާގޮތުން ނޫސްވެރިންނަށް ބަހުގެ ހަމަލާއެއް މުއިއްޒު ދެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ވެރިންނަށް ތިބޭ ބަޔަކަށް ފާޑު ކިޔާނެ ކަމަށާ އެއީ ޑިމޮކްރެސީގެ ހަމަ ކަމަށެވެ. އެހެންކަމުން އަމުދުން ވެރިންގެ ތެރެއިން ގައުމު ހަލާޚުކޮށް ބޮޑެތި ވައްކަމާ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ރައްޔިތުންގެ ޚަޒާނާއަށް ޚިޔާނާތްތެރިވާ ނަމަ ރައްޔިތުން އެ ވާހަކަ އަޑު ހަރުކޮށް ދައްކާނެ ކަމަށެވެ. އެކަން ނުވެސް ހުއްޓުވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ގައުމީ ދުވަހު ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވާނީ ދެން ހަމަ ޝައްކެއްވެސް ނެތް ވަރުގަދަ ކަންތައްތަކެއް ރައީސް މުއިއްޒުގެ ހިތްޕުޅު ތެރޭގައި އެނބުރޭތީ އިނގޭތޯ. ދެން އެހެނެއް ކަމަކު ރައީސް މުއިއްޒު މިއަދު ކޮން މޯރަލް އޮތޯރިޓީއެއް އޮވެެގެން ތޯ މިވަހަކަ ދައްކަވަނީ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އައުމަކީ މުޅި ސޮސައިޓީގެ ހުރިހާ ކަމަކާ ބެހި ފަހު ބަސް ބުނުމުގެ ބާރު ލިބޭ ކަމެއް ނޫން އިނގޭތޯ. އެއީ އޮޅިވަޑައިގަތުމެއް އިނގޭތޯ. ޑިމޮކްރެޓިކު ނޯމްބުތަކެއް ހުރޭ. އަދި އަމުދުން ވެރިކަން ހިންގަން ތިބޭ ބަޔަކު، އެމީހުންގެ ހަން ބޯވާން ވާނެ. އެމީހުންނާ ދިމާއަށް ޕަބްލިކު އޮފީސް ހޯލްޑުކުރާ ހިނދަކު އެމީހުންނާ ދިމާއަށް ރައްޔިތުންގެ ތުހުމަތުތައް އަންނާނެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަން ގޯހުން ގޯހަށް ދިއުމުން ރައްޔިތުން އެ ވާހަކަ ދައްކަން ފެށުމުން އަދި ކުރާ ތުހުމަތުތަަކުން ބަރީއަވެސް ވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ތުހުމަތުތަކަށް ސަރުކާރުގެ ވެރިންނަށް ޖަވާބުދާރީވެ ބަރީއަ ނުވެވޭކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.