theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނޫސްވެރިންގެ ބުރަކަށި މަތީގައި ވެރިކަމަށް އައި މީހާ މިވީ ނޫސްވެރިންގެ ދުޝްމަނަކަށް؟ / ތޭރަގްރެފިކްސް
ރިޕޯޓު
ނޫސްވެރިންގެ ބުރަކަށި މަތީގައި ވެރިކަމަށް އައި މީހާ މިވީ ނޫސްވެރިންގެ ދުޝްމަނަކަށް؟
Mariyam Isaadha
މަރިޔަމް އިސާދާ
25 އޯގަސްޓު 2025
މާލެ ސިޓީ

މިނިވަން ނޫސްވެރިކަން، ހުރިހާ ނޫސްވެރިންގެ އުންމީދެވެ.

ނޫސްވެރިންނަކީ ގައުމެއްގެ ރައްޔިތުން އެންމެ އިތުބާރު ކުރާ މައުލޫމާތު ހޯދުމާއި ހިއްސާ ކުރާ ފަރާތެވެ. ނޫސްވެރިކަމަކީ ޚަބަރާއި މަޢުލޫމާތު އެއްކުރުމާއި، ވަޒަންކުރުމާއި، އުފެއްދުމާއި، ހުށަހެޅުމުގެ ޙަރަކާތެވެ.

ނޫސްވެރިކަން އެހެން ހަރަކާތްތަކާއި އުފެއްދުންތަކާ ތަފާތުކުރެވޭނީ ވަކި ދެނެގަނެވޭ ސިފަތަކާއި އުސޫލުތަކުންނެވެ. ގިނަ ފަހަރަށް ނޫސް ރިޕޯޓަރުން މަސައްކަތް ކުރަން ޖެހެނީ ހަރުކަށި ސުންގަޑިތަކެއްގެ ދަށުން ކަމަށާއި ފުޅާ ދާއިރާއެއްގައި މައުޟޫއުތަކެއް ރިޕޯޓް ކުރެވޭނެ ގޮތަކަށްކަން ފަހަރުގައި ބަލަން އަދި ކިޔަން ތިބޭ ފަރާތްތަކަށް ވަޒަންކޮށް ފަހުމު ނުވެދާނެއެވެ.

ކަން މިހެން ހުރުމާއެކު ގައުމުގެ ވެރިޔަކަށް ހުންނަ ރައީސް، ނޫސްވެރިންނަށް މިނިވަން ނޫސްވެރިކަމުގެ ހުވަފެން ދައްކައި ވެރިކަމަށް އައުމުން ނޫސްވެރިން ތިބޭނީ އުފަލުންތާއެވެ؟ އެގޮތުން ފެހި ޤާނޫނު އަސާސީ އާއެކު ނޫސްވެރިން ކުރަމުން އައި މަސައްކަތަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު އައު އުއްމީދާއެކު ހަގީގީ މާނަައިގައި އެކަންކަން ތަންފީޒުކުރެވި ނޫސްވެރިން ބާރުވެރިކުރުވާނެ ވެރިކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ވާނެ ކަމުގެ ފުރިހަމަ އުއްމީދު ނޫސްވެރިން ކުރީ އެ ނޫސްވެރިންނަށް ދިން ފެހި ސިގްނަލާއެކުއެވެ.

ނަމަވެސް ވެރިކަމުގެ އާރާ ބާރު ހަގީގީ މާނައިގައި ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވުމުން ނޫސްވެރިންނަށް ދިން މިިނިވަން ނޫސްވެރިކަމުގެ ފެހި ސިގްނަލް ރަތަށް ބަދަލުވެގެން ދިޔައީ، ގައުމުގެ ދަރަނި އަދާކުރަން ފައިސާ ލިބިފައިވާ ކަމަށް ބުނެ ދިން ފެހ ސިގްނަލު ރަތަށް ބަދަލުވީ ފަދައިންނެވެ.

ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ބުނަމުން އައި ވެރިކަމުގައި ނޫސްވެރިން ދަތި އަޅުވާ ވައްޓާ ނޫސްވތައް ޖޫރިމަނާކޮށް ނުވީތާކަށް ނޫސްތަކުގެ ރަޖިސްޓްރީ ކެންސަލްކޮށް ބަންދުކުރެވޭ ގޮތަށް ވެސް ބިލެއް ފަރުމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ނޫސްވެރިންނަށް ސަނާ ކިޔަމުން ނޫސްވެރިން ނަގާ ބޮންތި އަރުވާ ތައުރީފުކުރަމުން ވެރިކަމަށް އާދެވުމާ އެކު އެ ނޫސްވެރިންގެ ގަލަމާ ދުލުގައި ތަޅު އަޅުވާ ނުވީތާކަށް އެ ނޫސްވެރިންގެ އަތްފައިގައި ބިޑި އަޅުވާނެ ކަމުގެ އިންޒާރުވެސް ދެނީއެވެ. މިއީ ނަމަވެސް ނޫސްވެރިންނަސް މިނިވަން ނޫސްވެރިކަމެއް ގާއިމުކޮށްދީ ނުސްވެރިކަމަށް އޮތް ހުރަސް ނައްތާލާނެކަމުގެ ވައުދާ އެކު އައި ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.

ނޫސްވެރިންނަށް އަވާމެންދުރު ދައްކާ ވެރިކަމަށް އައުމަށް ފަހު ތިމަ ތިމާމެން ނުރުހޭ ގޮތަކަށް ނުވަތަ ތިމަ ތިމާމެން ޒިންމާދާރުކުރުވަން ޚަބަރު ފަތުރާ ނޫސްވެރިންނަށާ މީޑިޔާތަކަށް ފިޔަވަޅު ނޭޅިގެން ބޮޑާހާކާ، ރައީސް އޮފީހުގައި އެކި އެކި މޮޅެތި ނަންތައް ކިޔާ އައްޔަންކޮށްފައި ތިބި ކުރީގެ އައުޓު ޑޭޓެޑް ބާސި ކުނޑިތަކެއް ފަދަ ބޭފުޅުން މެދުވެރިކޮށް ތިމަން މަނިކުފާނު އަމިއްލައަށް "ގަނެފައި" ވާ މަޖިލީހަކަށް ހުށަހަޅައިގެން ދައްކަނީ ޚުދުމުހުތާރުކަމުގެ އައްޗި ނަމޫނާއެކެވެ.

ތިމަން މަނިކުފާނަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ހުންނަވާ ރައްޔިތުންގެ ޚާދިމަކަށްވާއިރު އެ ރައްޔިތުންގެ ތެރޭގައި ނޫސްވެރިންވެސް ހިމެނެއެވެ. އެހެންކަމުން ގާނޫނޫ އަސާސީގެ ތެރެއިން މާއްދާ 27 އާއި 28 އަކީ އަސާސީ ޙައްގަކަށް ވާއިރު އެ ހައްގަށް އަރައިގަތުމަށް ރައީސް މުއިއްޒު މި މަސައްކަތްކުރަނީ ގާނޫނުތަކަށް ގޮން ޖަހަމުންތާއެވެ.

ސަރުކާރުގެ އެކި އެކި ވެރިން ހިންގަމުން ގެންދާ ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަ ތިލަ ކުރުމަކީ، މީޑިއާ ތަކަށް "އަދަބު" ދޭން ޖެހޭ ސަބަބެއްވެސް ނޫނެވެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ޚިޔާލު ފާޅުކުރުމަށް އޮތް، ދުލާއި ގަލަމުގެ މިނިވަންކަމުގައި އޮބި ނޭޅޭނެއެވެ.

އެތައް ގޮންޖެހުމަކާއެކީ، އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަން "މަރުވެގެން ދިޔަނުދީ" އިތުރަށް ހިފެހެއްޓޭނީ ނޫސްވެރިން ވެސް ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމުގައި ނޫސްވެރިންނާއި މިނިވަން ނޫސްވެރިކަމަށް ލޯބިކުރާ ފަރާތްތަކުން މިއަދު ގަބޫލުކުރަން ޖެހެއެވެ. އެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ނޫސްވެރިން ދުލުން ބަސްބުނެ އިހުތިޖާޖުކޮށް، ސަރުކާރަށާއި، މަޖިލިހަށާއި، މަޖިލިސް ރިޔާސަތައް އެކަން މަޖުބޫރުވެސް ކޮށްގެންނެވެ.

ނޫސްވެރިންގެ ބުރަކަށި މަރީގައި ވެރިކަމަށް އައި މީހާ މިވީ ނޫސްވެރިންގެ ދުޝްމަނަކަށް މިއަދުވުމުން މި ނޫން ގޮެއް ދެން ނޫސްވެރިންނަށް ވެސް ނެތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved