

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލު ބަލައިނުގަނެ ތަޅުމުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މިފަދަ ޕެޓީޝަނެއްގެ މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނެގުމާ އެކުއެވެ.
ޕެޓިޝަންގައި ރާއްޖޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ދަނީ ސޮއިކުރަމުންނެވެ. އަދި މީޑިއާތަކުގެ ނޫސްވެރިން ދަނީ އެ ބިލް މަޖިލީހުން ބޭރުކުރުމަށް ވެސް ގޮވާލަމުންނެވެ.
މިވަގުތު ޕެޓިޝަނުގައި ސޮއިކުރި މީހުންނަށް ބަލާއިރު، އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ހިމެނެ އެވެ. އަދި ކުރި އާއި މިހާރުގެ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެންބަރުން ވެސް ހިމެނެ އެވެ.
Signing underway! Journalists & Editors joining the call to reject the Media Control Bill.
— Maldives Journalists Association (@mjamaldives) August 25, 2025
In photos: @mmc_mv Prez @Sageef_, MJA’s Executive Director @mjunayd, @mmc_mv member @FathimathShana, Mihaaru’s Asst. Editor @MuizzuIbrahim.#CTRLbillBeyrukurey#CTRLehNukureveyne… pic.twitter.com/kO3gWYdqnT
މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވެސް ހިމަނާފައިވާ އެ ބިލުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެއެވެ. ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެހެންވެސް ފަރުމާ ކޮށްފައިވާ މި ބިލަކީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު އިސްވެ ހުންނަވާ ކުރެއްވި މަސައްކަތުން ތުޅާދޫ ދާއިރާގެ މެމްބަރު އބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެއް ކަމަށް ނާޒިމް އިއުތިރާފުވެފައިވެއެވެ.