April 27, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް / -

މީޑިޔާ ކޮންޓްރޯލްކުރުމަށް ހުށަހެޅި ބިލަށް ބަހުސް ކުރުން މާދަމާގެ ޖަލްސާގައި!

Aug 27, 2025, 03:08 AM

މީޑިޔާ ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރުން މާދަމާ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

Advertisement

މަޖިލިސް އިދާރާއިން ދާދިދެންމެއަކު އެޖެންޑާ ނެރެފައިވާއިރު އެ ބިލުގެ ބަހުސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށްެ މެމްބަރުން އައްޔަންކުރަން ވޯޓަށް އަހާނެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ. ހަންނާން މި ބިލު ހުށަހެޅުއްވީ މުއިއްޒުގެ އެންގެވުމުގެ ދަށުންކަމަށް އަޑުވަނީ ފެތުރިފައެވެ.

އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.

މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved