

މީޑިޔާ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ޑްރާފްޓުކޮށް މިނިވަން މެމްބަރަކު މެދުވެރިކޮށް ހުށަހެޅުއްވި ބިލާ އެއްކޮޅަށް ސޯޝަލް މީޑިޔާ އެކްޓިވްކުރަން ރައީސް އޮފީހުން އަންގާ މަގާމުތަކުގައި ތިބި ސިޔާސީ މީހުންނަށް ޓްވީޓުކުރުން މަޖްބޫރުކޮށްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ދައުލަތުގެ ވުޒާރާއެއްގައި ސިޔާސީ މަގާމެއް ހުރި މީހަކު ނަން ހާމަނުކުރުމަށް އެދި މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، މީޑިޔާ ބިލާ ގުޅިގެން ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު އިތުރަށް ނުތަނަވަސްކަން އުފެދި ސަރުކާރުގެ ތާއީދު އަނެއްކާވެސް އިތުރަށް ދަށަށް ދާތީ އެކަމުގައި ލިބެމުންދާ "ޑެމޭޖު" ކޮންޓްރޯލުކުރުމަށް ހުރިހާ ސިޔާސީ މުވައްޒަފުން ސޯޝަލް މީޑިޔާގައި އެކްޓިވްވެ ބިލާ އެއްކޮޅަށް ޓްވީޓުކުރަން ވަނީ އަންގާފައެވެ. އަދި އެގޮތަށް އަމަލުކުރަމުން ނުދާ ސިޔާސީ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ލިބިފައިވާ ކަމަށް އެ މުވައްޒަފު ވަނީ ކިޔައިދީފައެވެ.
ބިލުގެ ދިފާއުގައި ސަރުކާރުގެ ބޮޓުންނަށް ޓްވީޓު ކުރަން މަޖްބޫރުކުރުވިއިރު، މި ބިލުގެ މައްސަލައިގައި މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒާ ބައްދަލުކުރި ނޫސްވެރިންގެ ތެރެއިން ޒުވާން ނޫސްވެރިޔާ ނަހުދާ ފާއިޒު ވަނީ ރައީސް މި ބިލު ބޭރުނުކޮށް ނޫސްވެރިން ކޮންޓްރޯލުކޮށްފި ނަމަ ދައުރުގެ ބާކީ އޮތްތަނުގައި އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ ސަރުކާރަށް ލިބޭ ޑެމޭޖު ކޮންޓްރޯލުކުރަން މަސައްކަތްކުރައްވަން ކަމަށް ވިދާޅުވެފައެވެ.
ނަހުދާ ފާހަގަކުރެއްވި ހިސާބަށް ނުވެސް ދަނީސް މިހާރު ރައީސް މުއިއްޒަށް ގޮތް ހުސްވެ މި ބިލުގެ ދިފާއުގައި ސިޔާސީ މުވައްޒަފުން ނެރެ ނޫސްވެރިންނާ ދެކޮޅަށް ގެންދަނީ ޕޯސްޓުކުރުވަމުންނެވެ. މިފަދަ ގޮތަކަށް މި އަމަލުކުރަން ފަށީ އެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ވެސް މަޖިލީހުން ނިންމާފައިވަނިކޮށް ވެސް މެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ ރައްޔިތުން ބިލާ މެދު އޯކޭ ކަން ދެއްކުމަށް ސަރުކާރުން ހިންގާ ޖަރީމާއަކަށްވުންވެސް އެކަށީގެންވެއެވެ.