March 15, 2026
Advertisement
-
- / އަދަދު

މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު އަންނަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން، އެންމެ ފުރަތަމަ ނިގުޅައިގަތީ ނޫސްވެރިކަމުގެ މިނިވަންކަން: ހިއުމަން ރައިޓްސް ވޮޗް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 12:44 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު އަންނަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން ކަމަށާއި އެންމެ ފުރަތަމަ ނިގުޅައިގަންނަ ހައްގަކަށް މިވީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.

Advertisement

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗުން މިއަދު ބުނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލުން މިނިވަން ނޫސްވެރިކަން ހަނި ކުރުމުގެ ފުރުސަތު ފަހިވާ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު ލައްވާ ސަރުކާރުން ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ތައްޔާރުކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށް ކަމަށާއި އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވާ ކަމަށް މި ޖަމިއްޔާއިން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގެންދަވަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން، އެންމެ ފުރަތަމަ ނިގުޅައިގަންނަ ހައްގަކަށް މިވީ ނޫސްވެރިކަމުގެ މިނިވަންކަން

ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު، އިލެއިން ޕިއާސަން ވިދާޅުވި އެވެ.

މި ބިލުގެ ދިފާއުގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި މިނިސްޓަރުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ބޮޑެތި ޕޯސްޓްތައް ޖަހާ މުއިއްޒުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިންގެ އިހުތިޖާޖުތަކަށް އިޖާބަ ނުދެއްވާ މި ބިލު ފާސްކޮށް މީޑިއާތަކުގެ މިނިވަންކަމުގެ ހައްގުތައް ނިގުޅައިގަނެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މުއިއްޒު އަންނަނީ ހުރަސް އަޅަމުންނެވެ.

ރައްޔިތުންގެ ފަޅީގައި ހުރެ ވެރިކަން ކުރުމަށް ވައުދުވެ، ރައްޔިތުންގެ ރުހުން ހޯދުމަށް ރަށްތަކަށް ވަޑައިގެން ކުރައްވާ ވައުދުތަކާއި ޚިލާފަށް މުއިއްޒުގެ އަމަލުތައް ހުރި ކަމަށް ބުނެ ގިނަ ނޫސްވެރިންނާއި އާންމުން އަންނަނީ ބުނަމުންނެވެ.

މީޑިއާ ކޮންޓްރޯލް ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، މައްސަލައެއް ބަލައި ނިމުމުގެ ކުރިން މީޑިއާތަކުގެ ރެޖިސްޓްރޭޝަން ވެސް ހިފެހެއްޓެ އެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު ސަރުކާރުން ނިންމާފައި ވަނީ އެ ބިލަށް ތާއީދުކޮށް އެ ބިލު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved