

މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ކަމަށާއި މޫސުން އަލިވާނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާ އުތުރުގެ އަތޮޅުތަަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެދުތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާ އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ކުރަމުންދާ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް އަލިކުރާނީ އެ ދުވަސް ދުވަހު ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށެވެ.
އެ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މަހިބަދޫއަށްށެވެ. އެރަށަށް 39.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.