
ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކޮށްފައިވާ ކަމަށް މޯދީ ޓްވީޓްކޮށްފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި މޯދީއާއި ބައްދަލުކުރެއްވި ކަމުގެ އެއްވެސް ވާހަކައެއް އަދި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.
މޯދީ ކުރެއްވި ޓްވީޓްގައި ސަމިޓްގެ ތެރެއިން މުއިއްޒުއާއި ބައްދަލުކޮށްފައިވާ ކަމަށް ބުނެ ތަރައްގީގެ މަސައްކަތުގައި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރައްޔިތުންގެ ވޯޓު ހޯދާ، އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށް ވައުދުވެ ރައީސް މުއިއްޒު އަންނަނީ އިންޑިއާއާއި އެކު ކުރިން އޮތް ގުޅުމަށްވުރެ ގާތް ގުޅުމެއް އުފައްދާ އިންޑިއާއަށް ދިވެހިރާއްޖެ ދަރަނިވެރިކޮށް ގައުމުގެ މިނިވަންކަމަށް ބުރޫ އަރުވަމުންނެވެ.
މިއާއިއެކު މި ބައްދަލުވުމުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައިނުވާއިރު ސީދާ މޯދީ މި ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރުމުން ސަރުކާރުން އިންޑިއާއާއި ގުޅުން ބަދަހިކުރާކަން ސިއްރު ކުރާކަން ރައްޔިތުންނަށް ސިއްރު ކުރަން މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.










