theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިއުޅެނީ ސީންއެއް ކުރިއޭޓު ކުރާކަށް ނޫން، މިއުޅެނީ ހައްގުތައް ކަށަވަރުކުރަން!!!! / ތޭރަގްރެފިކްސް
ރިޕޯޓު
މިއުޅެނީ ސީންއެއް ކުރިއޭޓު ކުރާކަށް ނޫން، މިއުޅެނީ ހައްގުތައް ކަށަވަރުކުރަން!!!!
01 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އެ ބައެއްގެ ހައްގު ހޯދަން އަޑު އުފުލާނީ އެބައެކެވެ. އަދި ހައްގު ހޯދަން ނުކުތުމަކީ ވެސް ފަންޑަމަލް ރައިޓެކެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ އިދާރާގައި ތިއްބެވި ބަޔަކަށް މިކަން މިއޮތީ ފަހުމު ނުވެކަން ޔަގީނެވެ. މި ދައްކަނީ ކޮން ވާހަކައެއްކަން ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް ނޭނގިދާނެއެވެ. އެހެންކަމުން ތިލަކޮށް ކުރުކޮށް ފޮނިކޮށް މި ވާހަކަ ކިޔާލަދެވޭތޯ އަޅުގަޑު މަސައްކަތްކޮށްލާނަމެވެ.

ދުވަހަކީ މީޑިޔާ ރެގިއުލޭޝަން ބިލާ މެދު ޚިޔާލު ހޯދުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނޫސްވެރިން ދާން އޮތް ދުވަހެވެ. އާދެ 1 ސެޕްޓެމްބަރު 2025 ގެ ހެނދުނުގެ ވަގުތެވެ. ރާއްޖޭގައި އޮތް ސަރުކާރަށް ފާރަވެރިވުމުގައި އެންމެ ހުށިޔާރު އެއް ނޫހެއްގެ ގޮތުގައި ފާހަގަކުރެވޭ އަދަދު ނޫހުން އެކްސްގައި ކޮށްފައި އިން ޕޯސްޓެއް ލޮލުގައި އަޅައިގަތެވެ.

މަޖިލީހުގެ ރަސްމީ ޔޫޓީއުބް ޗެނަލްއިން ލައިވްކުރި އޯޑިއޯ ލައިވް ސްޓްރީމެކެވެ. އަޑު އިވެމުންދިޔައީ މަޖިލީހުގެ މުވައްޒަފުންތަކެއް ވާހަކަ ދައްކަމުން ލައިވްކޮށް ދިޔަ އަޑެވެ. އެއް ބޭފުޅަކު ގެންދެވީ ދުވަހުގައި ކަންކުރަންވީ ގޮތުގެ އިރުޝާދެވެ. ވިދާޅުވަމުން ގެންދެވީ ދުވަހުގެ ކޮމިޓީ ލައިވް ނުކުރާނެ ވާހަކައާ އެއީ ވާސް ކޭސް ސިނޭރިއޯއަށް ތައްޔާރުވެ ތިބުމުން ކަމަށެވެ. އެގޮތުން ނޫސްވެރިން އުޅެނީ ސީންއެއް ކްރިއޭޓު ކުރަން ކަމަށް ވިދާޅުވުމަށް ފަހު ދެން ކަމެއް ފަހުވާ ފަދައިން ކުއްލިއަކަށް އަމީންއަކަށް ގޮވާލާ އަނެއްކާ އޯޑިއޯ ލައިވް ސްޓްރީމްވޭތޯ ސުވާލުކުރުމަށް ފަހު އަނެއްކާ ވެސް ވިދާޅުވާ އަޑު އިވެނީ މަޖިލީހަށް ބިލު ހުށަހެޅި ދުވަހުވެސް ގެލެރީއަށް ވަދެ ނޫސްވެރިން މަސައްކަތްކުރީ ސީންއެއް ކްރިއޭޓުކުރަން ކަމަށެވެ.

މިހާރު އަޅުގަނޑުމެން މީޑީއާ [ބުނާ އެއްޗެއް ސާފެއް ނޫން] އަޅުގަނޑުމެންގެ މީޑީއާއިން އަޅުގަނޑުމެން ބުނިން ރެކޯޑު ކުރާށޭ އަޅުގަނޑުމެން ލައިވް ސްޓްރީމެއް ނުކުރާނެޔޭ. އެއްކަލަ ކަމެއް ވެދާނެތީ އަޅުގަނޑުމެން އަތުގައި އެވިޑެންސް އިންނަން ޖެހޭނެތާ. އެހެންވެގެން ދެންމެ ވާސްޓް ސިނާރިއޯ މި ވިސްނަނީ މިއަދު އިނގޭ. އެ މީހުން ބޭނުން ވަނީ ސީން ކްރިއޭޓު ކުރަން. ކުރިން ދުވަހު ގެލަރީއަށް ވަދެފައި ވެސް، މީޑިއާއިން ގެލަރީއަށް ވަނެއްނު މީޑިއާ ބިލު. އަމީން އަނެއްކާ މީތި ސްޓްރީމް ވޭތަ އެބަ ވާހަކަ ދައްކާ އިރުގައި

- މަޖިލީހުގެ މުވައްޒަފު

ނަމަވެސް މި ވާހަކަ މިދެއްކެވި މުވައްޒަފަށް ނޭނގުނު ކަމަކީ މިއުޅެނީ ސީންއެއް ކްރިއޭޓުކޮށް ޑްރާމާއެއް ކުޅެ ޕްރޮޑިއުސްކުރުމަށް ވުރެ މާ ބޮޑުކަމެއް ޖެހި އެކަމުގައި ހައްލެއް ހޯދުމުގައި ކަމެކެވެ. އަދި މި ކަންބޮޑުވުން އެކަމާ މެދު އޮތް ބިލު އެ އޮތް ގޮތަށް ފާސްވެއްޖެ ނަމަ ޚުދު އެ މުވައްޒަފާ އެ މުވައްޒަފުގެ އާއިލާވެސް ހިމެނޭހެން އެތައް ރައްޔިތެއްގެ ހައްގުތަކެއް ގެއްލިގެންދާނެކަމެކެވެ. އެހެނީ މިބަލަކީ ސޯޝަލް މީޑިޔާ ޕޯސްޓުތަކާވެސް ގުޅިފައިވާ ބިލަކަށްވެފައި މި ބިލު އޮތްގޮތަށް ފަސްކޮށްފިނަމަ އެ މުވައްޒަފުގެ އާއިލާގައިވެސް ސޯޝަލް މީދިޔާ ޕޯށްޓުތައް ކުރާނެ ބަޔަކު ތިބޭނެތީއެވެ.

ކަންކަން މިމަގުން ހިނގާއިރު، ނޫސްވެރިން ނުކުމެ އެއުޅެނީ އެންމެންގެ ހައްގުތައް ކަށަވަރުކުރަންށެވެ. އެހެނީ ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ސޮއްސާލާނެއިރު ރާއްޖެއަށް ގައުމުތަކުން އިންވެސްޓުކުރާއިރު އެކަންކަމަށް ބަލާނެއިރު އޭގެ ސަބަބުން ވަންނަ އިންވެސްޓްމަންޓުތައް ހުއްޓިދާނެ ކަމުގެ ބިރު އޮންނާނެއެވެ.

މީގެ އިތުރުން ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައިވެސް ނޫސްވެރިންނަށް ގިނަ ގޮންޖެހުންތަކާއެކު ޖިނާއީ ދައުވާތަކާ މަދަނީ ޖޫރިމަނާތައްވެސް އަންނާނެ އިރު އެއީވެސް ކޮންމެވެސް ރައްޔިތެއްގެ ކޮންމެވެސް އާއިލާއެއްގެ ކޮންމެވެސް މީހެއްގެ ދަރިއަކަށްވާނެތީއެވެ.

ހައްގުތަކެއް ގެއްލިގެންދާއިރު އެ ބަޔަކު އެބައެއްގެ ހައްގުގައި ނުނިކުންނަ ނަމަ އެކަން ކުރަން ދުރުން ބަޔަކު ނާންނާނެކަން މަޖިލީހުގެ އެ މުވައްޒަފަށް ނޭނގުނީތީ ހިތާމަ ކުރަމެވެ. ހާލަތު ބަދަލު ކުރުމުގެ ޚިޔާލާތު އެތަނެއްގައި ނެތިއްޔާ، ގައުމެއް ހާލަތު ކަލާނގެ ސަފުން ބަދަލު ނުކުރައްވަތެވެ.

އެހެންކަމުން ދައްތާ ދޮނާއެވެ. މިއުޅެނީ ސީންއެއް ކްރިއޭޓުކޮށްގެން އަހަރުމެން ނޫސްވެރިން މަޝްހޫރުވާކަށް ނޫނެވެ. އިލްޒާމް އެޅުވި ނަމަވެސް އަހަރުމެން ނޫސްވެރިން މިއުޅެނީ ތިޔަ މުވައްަފާ ތިޔަ މުވައްޒަފުގެ އާއިލާވެސް ހިމެނޭހެން އެންމެންގެ ހައްގުތައް ކަށަވަރުކޮށް ހިމާޔާތްކުރަންށެވެ. އެހެނީ ނޫސްވެރިންގެ އަޑު ކެނޑިއްޖެ ނަމަ އެ ކެނޑެނީ މުޅި ގައުމުގެ ރައްޔިތުންގެ އަޑު ކަމުގައިވާތީއެވެ. މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވަން އޮތްތަނެއްކަމުގައި ދެކެވެން މިއަދު ނެތުމާވެސް އެކުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved