April 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ އެވާހަކަތައް މިވަރަށް ދައްކާއިރު އެކަަމަށް ފިޔަވަޅު އެޅުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 2, 2025, 12:45 AM
މާލެ ސިޓީ

ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ އެވާހަކަތައް މިވަރަށް ދައްކާއިރު އެކަަމަށް ފިޔަވަޅު އެޅުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންތަކުގެ ވާހަކަތައް ފެންމަތިވެފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދާ އެ ކޮމިޝަނުން މިފަދަ މައްސަލަތައް ބަލާތޯ ނުބަލާތޯ ފުލުހުން ބަލަން ނުޖެހޭ ކަމަށާއި މިފަދަ މައްސަލަތައް ފުލުހުން ބަލަން ޖެހޭތޯ ޕީޖީއާއި މަޝްވަރާކުރަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ބެލުމަކީ ގާނޫނުގެ މަތިން ފުލުހުންގެ ޒިންމާއެއް ކަމަށް ރައީސް ޔާމީން ވަނީ ފުލުހުންގެ ވެރިންނަށް ހަނދާންކޮށްދީފައެވެ.

މި ހިނގާ ބޮޑެތި ތުހުމަތުތަކާއި ކޮރަޕްޝަން ހިނގާއިރު މިހާތަނަށް ފުލުހުން މިތިބީ މަންމަންވެފައި. ފުލުހުންގެ ޒިންމާއެއް އެއީ ފުލުހުން ކުރަން ޖެހޭނެ ކަމެއް އެއީ މިފަދަ މައްސަލަތައް ބެލުން

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އިންސާފު މި ގައުމުގައި ދެވޭ ތަން ފެންނަން ޖެހޭ ކަމަށާއި މިފަދަ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ތިލަވާއިރު ފުލުހުން އިސްނަގައިގެން ތަހުގީގު ނުކުރާތީ މި ގައުމުގައި އިންސާފު ލިބޭނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގައުމުގައި ހިނގާ މިފަދަ މައްސަލަތައް ހައްލުކޮށް އަދަބު ދޭން ޖެހޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަކީ ފުލުހުންގެ މައްޗަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ ފުލުހުންނަށް ތަރުހީބު ލިބޭނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved