

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ހޯމަ ދުވަހު ނޫސްވެރިންނާއެކު އެ ކޮމިޓީއިން ބެއްވި ބައްދަލުވުމުގައި، ނޫސްވެރިންނަށް ލިބެމުންދާ އެކިކަހަލަ އިންޒާރުތަކާއި ގުޅިގެން ނޫސްވެރިން ފާޅުކުރި ކަންބޮޑުތައްކާ އެކު އެ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހަށް ހުށަހަޅަން މިނިވަން މުއައްސަސާތަކުގެ ކޮމެޓިއަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.
މީކާއީލްގެ ހުށަހެޅުމަށް ތާއީދުކުރައްވައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުالله ޝަރީފް އެދިވަޑައިގަތީ، މަރުގެ އިންޒާރު ލިބުނު ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީއަށް ހުށަހެޅުމަށެވެ. އެއަށްފަހު ކޮމިޓީގެ އިއްތިފާގުން ނިންމީ ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ.
މީޑިއާ ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް ނޫސްވެރިންގެ ފޮޓޯތައް މީސްމީޑިއާގައި އާންމުކޮށް، އެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، އެކްޓިވިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައި އެބަ ތިއްބެވެ. އެގޮތުން ނޫސްވެރިންގެ ޖަމްއިއްޔާ އެމްޖޭއޭގެ ރައީސް އަލީ ރިފްޝާނަށާއި އެ ޖަމިއްޔާގެ ބައެއް ނޫސްވެރިންނަށް އިންޒާރުދިން މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށާއި އެ ބިލުގެ ސަބަބުން ނޫސްވެރިންނަށް އަދި ނޫސްވެރިކަމަށް އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.