March 19, 2026
Advertisement
.
. / މަޖިލިސް

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް އެޗްއާރުސީއެމުން ދެކޮޅު

Sep 2, 2025, 06:36 AM

ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާ އެކު، އެއީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެޗްއާރުސީއެމުން ގޮވާލައިފިއެވެ.

Advertisement

އެޗްއާރުސީއެމުން ބުނީ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ވެސް ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑެއްގެ ދަށުން ކަމަށާއި އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ނޫން ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، އެގޮތަށް އޮންނަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ފުޅާ ދާއިރާއެއްގެ މިނިވަންކަމެއް ދޭންވާނެ ކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާތީ އެވެ.

އެޗްއާރުސީއެމުން ބުނީ ބްލޮގަރުންނާއި އޮންލައިންކޮށް އަދި އަމިއްލަ ހިޔާލުފާޅުކުރާ ނުވަތަ ވާހަކަ ހިއްސާކުރާ ނުވަތަ އާ ހިޔާލުތައް ހުށަހަޅާ ކޮންމެ ފަރުދަކު ރަޖިސްޓަރީވެ، ލައިސަންސް ހޯދައި ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ އުސޫލެއް ގެންގުޅުމަކީ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ ކަމެއް ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ޑިމޮކްރެޓިކް ގައުމުތަކުގައި މިނިވަން އަޑުތަކާއި ރައްޔިތުންގެ ނޫސްވެރިން ރައްކާތެރިކޮށްދޭ ކަމަށާއި އެއީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އިނގިރޭސި ވިލާތުގައި ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯ ފަދަ މިނިވަން މުއައްސަސާތަކުން ކަމަށާއި ބްލޮގް އަދި އޮންލައިންކޮށް ހިޔާލު ފާޅުކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދަން ނުޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ، އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގައި ވެސް ބްލޮގިން އަދި އޮންލައިން ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށާއި އެ ކަމަށް ދައުލަތުގެ ރަޖިސްޓްރޭޝަނެއް ހޯދަން ނުޖެހޭ ކަމަށެެވެ. ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް ޕްރިންޓް މީޑިއާ އަށް އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved