މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް ފުރަތަމަ 14 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު މީހަކު ހޯދަން ހުށަހެޅި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުން ދިން ޖަވާބުގައި ބުނީ މިދިޔަ އަހަރުގެ މެއި 28 އިން މި އަހަރުގެ ޖުލައި 31، އާ ހަމައަށް މަޖިލިސް މެންބަރުންގެ ތެރެއިން 76 ބޭފުޅަކު އެއާޕޯޓުގެ ވީއައިޕީ ހިދުމަތްތައް ބޭނުން ކޮށްފައިވާ ކަމަށާއި އެކަމަށް އެ އިދާރާއިން ޖުމުލަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މަޖިލީހުން ދީފައިވާ ޖަވާބުގައި ވާގޮތުން އެއާޕޯޓުގެ ވީއައިޕީ ލޯންޖު އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް އެވެ. އޭނާ 133 ފަހަރު ވެލާނާ ވީއައިޕީ ލޯންޖު ބޭނުން ކުރައްވާފައިވެ އެވެ. އޭނާ ހޯދި ހިދުމަތްތަކަށް އެކަނި ވެސް 116099ރ. މަޖިލީހުން ހަރަދުކޮށްފައިވެ އެވެ.
ދެވަނައަށް އެންމެ ގިނައިން ވީއައިޕީ ލޯންޖު ބޭނުން ކޮށްފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ އެވެ. އޭނާ 97 ފަހަރު ވެލާނާ ވީއައިޕީ ލޯންޖު ބޭނުން ކޮށްފައިވެ އެވެ. އެކަމަށް 84673ރ. މަޖިލީހުން ހަރަދުކޮށްފައިވެ އެވެ.
ތިންވަނައަށް އެންމެ ގިނައިން ވީއައިޕީ ލޯންޖު ބޭނުން ކޮށްފައި ދ.މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު އެވެ. އޭނާ 78 ފަހަރު ވެލާނާ ވީއައިޕީ ލޯންޖު ބޭނުން ކޮށްފައިވެ އެވެ. އޭނާއަށް މަޖިލީހުގެ އިދާާރާއިން 68088ރ. ހަރަދު ކޮށްފައިވެ އެވެ.
މި މުއްދަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓު ނަގާފައި ވަނީ މަޖިލީހުގެ 87 މެންބަރުންނެވެ.
ރައްޔިތުންގެ ފައިސާއިން މެމްބަރުން ބޭކާރު ހަރަދުކޮށްފައިވާތީ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.