

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި އަހަރުގެ ތެރޭގައި ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
އަދުރޭއަށް މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައި ވަނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓު ކާޑުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އޭނާއަށް 958،982ރ. (ނުވަ ލައްްކަ ފަންސާސް އަށް ހާސް ނުވަ ސަތޭކަ އަށްޑިހަ ދެ) ރުފިޔާ މި އަހަރު ލިބުނު ކަމަށެވެ.
އެގޮތުން ހެޔޮ އެދޭ އެކި ފަރާތްތަކުން އަދުރޭއަށް ލިބުނު ފައިސާގެ އަދަދު އޭނާއަށް މަޖިލީހުން ލިބުނު މުސާރައަށް ވުރެ ވެސް ބޮޑެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނީ އެންމެ 658،894ރ. (ހަ ލައްކަ ފަންސާސް އަށްހާސް އަށް ސަތޭކަ ނުވަދިހަ ހަތަރު) ރުފިޔާއެވެ. އެއީ އެވްރެޖުކޮށް މެންބަރުންނަށް ނުވަ ލައްކަ ރުފިޔާއަށް ވުރެ ތިން ލައްކައެއްހާ ރުފިޔާ މަދު އަދަދެކެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި އަދުރޭގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 101،698ރ. އެވެ. އެއީ ޖުލައި 2، 2025، އާ ހަމައަށް ހުރި ފައިސާގެ އަދަދެވެ.
މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރު ރެހެންދި ފްލެޓު އޭނާ ގަތީ 4.5 މިލިއަން ރުފިޔާ އެވެ. އެ ފްލެޓު ގަތީ އަމިއްލައަށް އެއްކުރި ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދިން އެހީތެރިކަމާއެކު ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އޭނާގެ އަތުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދެއް އޮވެ އެވެ. އަދި 67،000ރ. ގެ ސައިކަލެއް ވެސް އޭނާގެ ނަމުގައި އޮތްކަން ބަޔާނުން އެނގެ އެވެ.
މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފެނެ އެވެ. ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.