

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ކަމަށް ބުނާ ރޯހައުސްއެއް އޮތްކަމަށް މާލީ ބަޔާނުން ދައްކައިފިއެވެ.
ޝުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ ނަމުގައި ބިމާއި ފްލެޓާއި ރޯހައުސް ރަޖިސްޓްރީ ކުރީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރެވެ.
އެގޮތުން އެންމެ ފުރަތަމަ 2015 ވަނަ އަހަރު ޝުޖާއުގެ ނަމުގައި ރަޖިސްޓްރީ ކުރީ ހުޅުމާލެއިން ރޯހައުސްއެކެވެ. ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާގެ އަގުހުރި އެ ރޯހައުސްއަކީ އޭނާ ވަޒީފާ އަދާ ކުރާ ކުންފުނިން ދިން ހަދިޔާއެއް ކަމަށް ޝުޖާއު ބުންޏެވެ.
ޝުޖާއުގެ ނަމުގައި ދެ ވަނައަށް ރަޖިސްޓްރީ ކުރީ ބާރަށުން ބިމެކެވެ. އެއީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ގަތް ބިމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އެ ބިން ގަތީ ލޯނުގެ ގޮތުގައި ހޯދި ފައިސާއިން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ތިންވަނަ އަށް ޝުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތީ ހުޅުމާލެއިން ލަގްޒަރީ ފްލެޓެކެވެ. ހުޅުމާލޭ ރެއިންޕާލް ރެޒިޑެންސުން އެ ފްލެޓު 2023 ވަނަ އަހަރު ގަތީ 7.2 މިލިއަން ރުފިޔާއަށް ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ފްލެޓު ވެސް ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
އެންމެ ފަހުން ޝުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތީ ހުޅުމާލެއިން ބިމެކެވެ. މިދިޔަ އަހަރު އެ ބިން ގަތީ 9.4 މިލިއަން ރުފިޔާއަށް، ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި ޝުޖާއުއަށް ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބުނު 1.8 މިލިއަން ރުފިޔާ އާއި ގެދޮރު ކުއްޔަށް ދީގެން ލިބުނު 210،000 ރުފިޔާ އެވެ.
އެކައުންޓުތަކުގައި ދިވެހި ރުފިޔާއިން ހުރީ އެންމެ 80،234 ރުފިޔާ އެވެ. އެކައުންޓުތަކުގައި 700 ޑޮލަރު ހުރި ކަމަށް ވެސް ބަޔާނުން ބުނެއެވެ. އެހެންނަމަވެސް ނަގުދު ފައިސާގެ ގޮތުގައި 5780 ރުފިޔާ އާއި 3200 ޑޮލަރާއި 13،100 ސްރީ ލަންކަން ރުފީސް އާއި 150 ޔޫއޭއީ ދިރްހަމް ހުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މާލީ ބަޔާނަށް އިތުރަށް ބަލާއިރު ވަރަށް ބޮޑެތި ދަރަނިތަކެއް އޭނާގެ ހުރި ކަމަށް ދައްކަ އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ނަގާފައިވާ ދަރަންޏަށް މިހާރު ވެސް 4.6 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަން ފާހަގަވެ އެވެ. އަދި އޭނާގެ ކުންފުނި އޮފިޝަލް އިވެންޓްސްގެ ނަމުގައި ވެސް ފަސް މިލިއަން ރުފިޔާގެ ލޯނެއް ނަގައި ނުދައްކާ އެބަ އޮތެވެ.
ޝުޖާއު ބުނީ އޮފިޝަލް އިވެންޓްސްގައި އޭނާގެ 50 ޕަސެންޓު ހިއްސާ އޮންނަ ކަމަށެވެ. ސްވޯން ފެމިލީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ 40 ޕަސެންޓު ހިއްސާ ވެސް އޭނާގެ އަތުގައި އޮވެ އެވެ. އޭގެ އިތުރުން ސުޖާއުގެ ނަމުގައި މަސް ދޯންޏެއް ވެސް އޮތެވެ. އެއީ ހަތް މިލިއަން ރުފިޔާގެ ދޯންޏެކެވެ.