
ސްޓެލްކޯ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުވެސް ކަރަންޓްގެ ޚިދުމަތް ކަނޑާލާފިއެވެ.
މި އަޕްގްރޭޑް ކުރުމަށް މާލެ ސިޓީގެ ބޮޑުރަސްގެފާނު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، އެނބޫ ގޯޅި، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު، މަދޮށި ގޯޅި، ނިކަގަސް ހިނގުން، ނިކަގަސް މަގު އަދި ރަނައުރާ ގޯޅި ހިމެނޭ ސަރަޙައްދުގެ ބައެއް ގެތަކުން މިއަދު ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑަލާފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުން ޚާއްސަކޮށް މާލެއާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތަށް މައްސަލަތައް ދިމާވެ ކަރަންޓް ކެޑުމަކީ އާންމުކަމަކަށް ވަނީ ވެފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ދޭ ޒަރޫރީ ބޭނުންތަކުގެ ފެންވަރު މިހާ ދަށަށް ވެއްޓިފައިވާއިރު އެއް މަހުން އަނެއް މަހަށް ކަރަންޓް ބިލު އަންނަނީ މަތިވަމުންކަން ފާހަގަކުރެވެއެވެ.
އަވަސް އަވަހަށް ކަރަންޓްގެ ޚިދުމަތްތަކަށް ބުރޫ އަރަމުން ދިޔުމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭހާ ގެއްލުންތައް އާންމުންނަށް އަންނަނީ ކުރިމަތިވަމުންނެވެ.
ނިމުމެއް ނެތް އަޕްގްރޭޑްތައް ސްޓެލްކޯއިން ކުރަމުން ދިޔަސް މިކަމަށް އެއްވެސް ހައްލެއް މިހާތަނަށް ސަރުކާރުން ހޯއްދަވާފެވިފައިނެތެވެ.
ސަރުކާރުން ކަރަންޓުންވެސް ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކުރެވިފައިވާއިރު ރައްޔިތުންނަށް ތަކުލީފު ލިބޭ މިފަދަ ކަންތައްތަކަށް ލުޔެއް ހޯދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް އާންމުން ފާހަގަކުރެއެވެ.










