

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށް 15 ދުވަހުގެ ނޯޓިހެއް މަޖިލީހުގެ އިދާރާއިން ދީފި އެވެ.
އެގޮތުން މަޖިލީހަށް މާލީ ބަޔާން ހުށަނާޅަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.
މަޖިލީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މަހު 15 ގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އެ މެންބަރުންނަށް އަންގައި ސެޕްޓެމްބަރު 1، ގައި ނޯޓިސް ދީފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ހުށަހަޅަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް މާލީ ބަޔާން ހާމަކުރެއްވި މެންބަރުން ވެސް، ބަޔާންތައް ހާމަ ކުރެއްވީ އެ މުއްދަތު ފަހަނައަޅައި ދިޔަފަހުން އިއްޔެކަން ފާހަގަކޮށްލެވެއެވެ.
މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން އަންގައި މަޖިލީހުގެ އަމީންއާންމު ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ.
އެ މުއްދަތުގައި ވެސް އެކަން ނުކޮށްފި ނަމަ ދެން އަޅަން އޮންނަ ފިޔަވަޅަކީ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މާލީ ބަޔާން ހުށަނަޅާނާ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނެރުމެވެ. އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.