އިންޑިއާގެ ހޮސްޕިޓަލުތައް ހިންގަން ފައިސާ ހަރަދު ކުރަމުން ދަނީ ދިވެހި ދައުލަތުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ކަންބޮިޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހަށް ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެްއްގެ ތެރެއިން ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ހިސާބާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ރާއްޖޭގައި ވެސް ބޮޑެތި ހޮސްޕިޓަލުތައް ހުރެ ވަސީލަތްތައްވެސް ހުރިއިރު ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވާ ހަރުދަނާ ކުރުމުގެ ބަދަލުގައި އަވައްޓެރި ވަކި ގައުމެއްގެ އިގްތިސޯދަށް ނަފާވާނެހެން ދިވެހި ވަކި ވަކި ހޮސްޕިޓަލުތަކެއް ޚިޔާރުކުރުމަށް ފަހު ބޭސްފަރުވާގެ ނަމުގައި ފޮނުވާ ބޭރު ފައިސާ ގައުމުން ބޭރު ކުރަމުން ދާއިރު އޭގެ ގެއްލުން ގައުމަށްވާނެ މިންވަރު ވެރިންނަށް ވިސްނި ވަޑައިނުގަންނަވާކަމާ މެދު ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އެފަދައިން ވެސް އެ ޚަރަދު ކުރަނީ ހަމަ ރައްޔިތުންގެ ފައިސާ ކަމަށާ އެހެންކަމުން އެއީ ރައީސުލްޖުހޫރިއްޔާއަކު ހިތު ހުރި ގޮތަކަށް ހޭދަ ކުރައްވަން ލިބިފައި ހުންނަ ފައިސާ ނޫންކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
2022 ވަނަ އަހަރު އަމްރިތާ ހޮސްޕިޓަލް 100.5 މިލިއަން. އެންޔޫ ހޮސްޕިޓަލް 32.6 މިލިއަން ރުފިޔާ. މަނިޕާލް ހޮސްޕިޓަލް 31.3 މިލިއަން. ކިމްސް ހޮސްޕިޓަލް 16.2 މިލިއަން. ގަންގާ ހޮސްޕިޓަލް 14.8 އެސްޓަރ މެޑިސިޓީ 11 މިލިއަން. މިކހަލަ ބޮޑެތި އަދަދުތަކެއް މިހުރީ.
މިހާ ބޮޑޫ ޚަރަދު ރާއްޖެއިން ބޭރުން ދިވެހިންގެ ބޭސްފަރުވާއަށް ކުރާއިރު، ރާއްޖެއިން ބޭރަށް އިމް މެނަލް ކުރާ ފައިސާ ރާއްޖެއަށް އިމްޕެނަލް ކޯށްގެން ތަރައްގީކޮށް ރައްޔިތުންނަށް ރައްޔިތުންނާ ގާތުން އާއިލާއެކު ތިބެގެން ބޭސްފަރުވާގެ ކަންކަން، ޚާއްސަކޮށް ބޮޑެތި ބަލިތަކުގެ ފަރުވާ ލިބުމަކީ ބަލިމީހާއަށް ލިބޭ ޝިފާއާ އެކު ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެއްކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ ޒައާމަތުގައި، އިންޑީއާއަށް ގޮސް ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމަށްޓަކައި 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރައްވާ ހުރިހާ ބަލިތަކަށް އެ އިމާރތުގެ އެކި ފަންފިގފިލާތަކުން ފަރުވާ ލިބޭނެ އިންތިޒާމުތަކާ ވަސީލަތްތައް ހަމަޖައްސަވާ ވަޒީފާގެ ވެސް ފުރުސަތު ހުޅުވާލަދެއްވިއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އެތަނާ މެދުވެސް އިހުމާލުވެ ރާއްޖޭގެ ސިއްހީ ނިޒާމު އެއްކޮށް ފެއިލްކޮށްލާ އިންޑިއާއަށް ސިއްހީ ނިޒާމު ވިއްކާލާފައިކަމަށް ގިނަބަޔަކު ދެކެއެވެ.