theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 121 ދުވަސް!!! / ސޯޝަލް މީޑިއާ
ހަބަރު
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާ 121 ދުވަސް، ރައީސް އޮފީހުގެ ބަހެއް ނެތް!
06 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެެރިންނާ ބައްދަލުނުކުރައްވާތާ 121 ދުވަސް ފާއިތުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ 04 މެއި 2025 ވީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު 14 ގަޑިއިރަށް ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ވެސް ނޫސްވެރިންނާ ބައްދަލުނުކުރަވާ ފިއްލަވައިގެން އުޅުއްވާތާ 500 ދުވަސް ފަހުންނެވެ.

ދުނިޔޭގެ ޕްރެސް ފްރީޑޮމް ދުވަހުގެ މުނާސަބާގައި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުގައި މުޅިންހެން ކަހަލަ ގޮތަކަށް ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ސަރުކާރުން މައުލޫމާތު ފޯރުކޮށްދިނުމުގައި ފެއިލްވެފައިވާ ކަމެވެ. ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާއެކު ވަޑައިގެން ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިން އެދޭ މައުލޫމާތު ފޯރުކޮށްނުދީ ހިފަހައްޓާކަމުގެ ޝަކުވާ ގިނަ ނޫސްވެރިން އެ ދުވަހު ކުރިއެވެ.

އޭގެ ފަހުން ހަތަރު މަސް (121 ދުވަސް) ފާއިތުވެގެން ދިޔައިރުވެސް ރައީސް މުއިއްޒު މީޑިޔާއާ ބައްދަލުކުރައްވާފައިނުވެއެވެ. އެމަނިކުފާނު އުޅުއްވަނީ ނުހަނު ބުރަކޮށް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގައިކަން ފެންނަ މަންޒަރުތަކުން ހާމަވެއެއްވެ. ރައްޔިތުންގެ ނުުރުހުންވެސް ސަރުކާރަށް އޮތްކަން އެމަނިކުފާނަށް ވަރަށް ބޮޑަށް ފަހުމުވެވަޑައިގެން ޑެމޭޖު ކޮންޓްރޯލުކުރެއްވުމަށް ސީދާ އެމަނިކުފާނު ނުކުންނަވަން ޖެހިވަޑައިގަތުމުންނެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާ ގިނަ ދުވަސްތަކެއް ހޭދަކުރައްވާތީ، އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމު ޚަލީލުއާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސުވާލުކޮށްލުމުން އަދިވެސް ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުނުކުރައްވާ ފިއްލަވައިގެން އުޅުއްވާއިރު، ރައީސް މުއިއްޒުގެ ޕާޓީގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ މަޖިލީހުން ވަނީ ނޫސްވެރިންގެ މިނިވަންކަން ނަގާލާ، ސަރުކާރު މުށުތެރެއަށް ނޫސްވެރިންލެވޭނެ ބިލެއް މަޖިލީހަށް ބަލައިގަނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved