

ދިވެހި ގައުމަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު ޖަރާސީމަކީ އަދުގައި އޮތް ވެރިކަން ކަމަށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލުގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާނޫނީ ގޮތުން މިއަދު ގައުމުގައި ހުރި އުނި ކަންކަމަށް ނަޒަރު ހިންގަވާ ލައްވާ ޝާހު ދެއްކެވި ވާހަކައިގައި އޭނާ ވަނީ މިއަދު ގައުމުގައި އޮތީ ހަޑި މުޑުދާރު ސިފަތަކެއް ހުރި ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.
ޝާހު އަދުގެ ސަރުކާރު ސިފަކުރެއްވީ ގައުމަށް މިހާރު ޖެހިފައި އޮތް އެންމެ ބޮޑު ޖަރާސީމުގެ ގޮތުގައެވެ. ޝާހު ވިދާޅުވީ، މިއަދު މިއޮތް ނުތާހިރުވެރިކަން ކިތަންމެ ވަރަކަށް ލައްފިލުވާ ޖަހާ ސާފުކުރި ނަމަވެސް ސާފު ނުވާނެ ކަމަށެވެ.
ޝާހު އިތުރަށް ވިދާޅުވީ މިވެރިކަން ބައްޓަންވެފައިވާ ގޮތުން ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާ މިނިވަންކަމާ ދިވެހި ރައްޔިތުންގެ ކުރިއެރުމާ ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ތަރައްގީ ދޮރުތަކާ ކުރިމަގު ބަންދުވަމުންދާ ކަމަށެވެ.
ޝާހު ވިދާޅުވީ، މިއަދު މި ގައުމުގައި ގާނޫނުގެ ވެރިކަމެއް ނެތްކަމަށާ ރޫލު އޮފް ލޯގެ އެއްވެސް ކަމެއް މި ގައުމުގައި ނުހިނގާ ކަމަށެވެ. އެގޮތުން ގައުމުގައި ކަންކަން ހިނގަމުން ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ކަމަށާ ރައްޔިތުންގެ މަޖިލީހަކި މިއަދު އަޅުންގެ މަޖިލީހެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. މަޖިލީހުން ގެންދަނީ ދުސްތޫރުން ދީފައި ހުރި އަސާސީ ހައްގުތައް ހަނިކުރަމުން ހަނިކުރަމުން ގޮސް ގާނޫނުތައް އެފުށް މިފުށަށް ކޮށާލާ ގާނޫނު އަސާސީގައި އަސާސީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް މަޖިލީހުން ކަންކުރަމުން ގެންދާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.