
ލިބިފަހުރި ތަޢުލީމެއްގެ ބޭނުން މުއިއްޒު ހިފާތަން ނުފެންނަ ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ތަޢުލީމު ދިނުމުގެ ހަގީގީ ބޭނުންތަކާއި ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން މަލީހް އެކްސްގައި ވިދާޅުވީ އިނގިރޭސިވިލާތުން މުއިއްޒު ޕީއެޗްޑީއެއް ނެންގެވިޔަސް އެ ތައުލީމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ގާބިލުކަމެއް މުއިއްޒުގެ ނެތް ކަމަށެވެ.
މީގެ އިތުރުން، މުއިއްޒުގެ ސަރުކާރުގައި މަގާމުތަކަށް އައްޔަނު ކުރައްވަނީވެސް ތައުލީމީ ގޮތުންނާއި ކަންކަން ކުރުމުގެ ގާބިލިއްޔަތު ދަށް ފެންވަރުގެ މީހުން ކަމަށް މަލީހްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، ތައުލީމީ ގޮތުން ސާޖިދާ ދެއްވާ ނަސޭހަތްތައް ނުވަތަ ތައުލީމީ ވާހަކަތައް ހަނދާންކޮށްދޭންޖެހޭ މީހަކީ މުއިއްޒު ކަމަށްވެސް މަލީހް ވަނީ އެކްސް ޕޯސްޓްގައި ބުނެފައެވެ.
ގައުމުގެ ހާލަތު އިހުނަށްވުރެ މިހާރު ދަށަށް ގޮސްފައިވާއިރު ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުގެ ހިންގުންތައް ދަށަށް ގޮސް ސަރުކާރާއި މެދު ރައްޔިތުން އޮތް އިތުބާރު އަންނަނީ ނެތެމުންނެވެ.










