

މީޑީޔާތައް ތަޅު އަޅުވަން ފަރުމާކޮށްފައިވާ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ދިރާސާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ބޭރުކޮށް ސިއްރު ކުރުމާ ގުޅިގެން މަޖިލިސް ދޮށުގައި ނޫސްވެރިން އަނެއްކާވެސް އިހުތިޖާޖު ފަށައިފިއެވެ.
މިދިޔަ ހަފްތާގައި ނޫސްވެރިން އެވެރިންގެ ހައްގުތަކުގެ ދިފާއުގައިު ކުރަން ފެށި އިހުތިޖާޖުތައް މެދު ކަނޑާލީ ބިލަށް ނޫސްވެރިންގެ ޚިޔާލުވެސް ހޯދަން ނިންމާ އެކަންކަން ކުރިއަށް ގެންދަން ފެށުމުންނެވެ.
ނަމަވެސް ނޫސްވެރިންގެ ޚިޔާލު ހޯދުމަށް ފަހު އެ ބިލު ދިރާސާކުރަން ބޭއްވި ފުރަތަމަ ކޮމިޓީ ބައްދަލުވުމުން ނޫސްވެރިންނާ ކެމެރާމަނުން އަދި ފޮޓޯގްރާފަރުންވެސް ނެރުމަށް ފަހު ކޮމިޓީ ސިއްރު ކުރުމާ ގުޅިގެން ނޫސްވެރިން ވަނީ މަޖިލިސް އިދާރާގެ މައި ދޮރު ސަރަހައްދުގައި އިހުތިޖާޖުތައް ފަށާފައެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހަޅަން އެޅީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްއެވެ. ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.
މަޖިލިސް އިދާރާ ކުރިމަތީގައި ތިބި ނޫސްވެރިން ގޮވާލަމުން ގެންދަނީ ސިއްރުކޮށްގެން ކޮމިޓީން ބިލު ދިރާސާ ނުކުރުމަށެވެ. ބައެއް ނޫސްވެރިން ވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއާ ބައްދަލުކުރުމަށް ވެސް އެދިފައެވެ. ނަމަވެސް މިހާތަނަށް ބައްދަލުކޮށްފައި ނުވެއެވެ.
މި ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެއެވެ.