theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝަރީފެވެ. މިއުޅެނީ ސައި ނުބޮވިގެން ނޫނެވެ..! / ތޭރަގްރެފިކްސް
ރިޕޯޓު
ޝަރީފެވެ. މިއުޅެނީ ސައި ނުބޮވިގެން ނޫނެވެ.
Mariyam Isaadha
މަރިޔަމް އިސާދާ
09 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި 85 ސަފްހާގެ ބިލެއް މަޖިލީހަށް ސަރުކާރު އަޑީގައި ތިބެގެން ހުށަހަޅައިގެން އުޅެނީ މުޅި މީޑިޔާގެ ކޮންޓްރޯލު ސަރުކާރަށް ނަގަންކަން މިއީ މިއަދު އެންމެ ތުއްތު ސިކުނޑިއަށް ވިސްނޭ ކަމެކެވެ. މަގްސަދަކީ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންތަކުގެ ހަގީގަތް ގެނެސްދޭ ފަރާތްތަކުގެ އަޑު ކަނޑުވާލުމެވެ. މިކަން ކުރަން ސަރުކާރު ނިސްބަތްވާ މެމްބަރުންނާ ވެރިންވެސް ތިބީ އަރުވާ ޖަހާ އަހާނ ހުތް ކިޔައިގެންނެވެ.

އޭގެ ލާމަސީލު އެއް ނަމޫނާ ފެނިގެން ދިޔައީ ބިލާ މެދު ނޫސްވެރިންނާ ނޫސްވެރިންގެ ބެލެނިވެރިންގެ ޚިޔާލު ވެސް ހޯދުމަކާ ނުލާ ބިލު ތަޅުމަށް ހުށަހަޅާ ހޫނު ފެނަށް ވެއްޓުމުން ދެން އައްދޮ މަ ފޫޅޯ ކިޔަމުން ކޮމިޓީ މަރުހަލާގައި ޑެމޭޖު ކޮންޓްރޯލުކުރަން އެކި މީސް މީހުން ގެންގޮސްގެން ކުޅު ޑްރާމާއަށް ފަހު ބިލު ދިރާސާ ކުރުމުގެ ނަމުގައި ބޭއްވި ފުރަތަމަ ބައްދަލުވުން ވެސް "ސިއްރު" ކުރަން ނިންމި ނިންމުމުންނެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމާ އެކު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅައިފައެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ބުނެއެވެ.

ކޮމިޓީ އަޑު އަހަން ވަދެ ތިބި ނޫސްވެރިންނާ ކެމެރާކުރަން ވަދެ ތިބި ކެމެރާމަނުންނާ ފޮޓޯ ނަގަން ވަދެ ތިބި ފޮޓޯގްރާފަރުންވެސް ނެރެ ބޭރުކުރުމަށް ފަހު ކޮމިޓީ ކުރިއަށް ގެންދިޔައީ ބަންދު ދޮރުގެ ހަތަރު ފާރު ތެރޭގައެވެ.

ކޮމިޓީ ސިއްރުކުރަން ނިންމުމުން ތަނުގައި ތިބި ނޫސްވެރިން އަޑުވެސް އުފުލިއެވެ. އއެއަށްވުރެ މާ ޚައްސާސު މައުލޫމާތު ހިމެނޭ ކޮމިޓީތައް ލައިވްކޮށްފައިވާކަން ވެސް ފާހަގަކުރިއެވެ. އެއާއެކު ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ މެމްބަރު ޝަރީފު ބުނާ އަޑު އިވެއެވެ. "ބޭރުގައި ސައި ހުންނާނެ"އެވެ. ހިތުން އެއީ މާ "ގައްޑާވާން" ބުނި އެއްޗެއް ނަމަވެސް އޭގެން ފެނިގެން ދިޔައީ "ގައްޑާ" ކަމެއް ނޫނެވެ. އޭގެން އަހަރުމެންނަށް ހާމަވީ އަދަބެއް އަހުލާގެއް ނެތް އިލްމެއް ހިލްމެއް ނެތް ފެންވަރު ދަށް މީހެއްގެ ހުރި ބޭއަދަބީ ކަމެކެވެ. ތިމާ އަކީ ހިތުން އިއްޒަތްތެރިއަކަށް ވުމުން ނޫސްވެރިޔާ ނިކަމެތިކޮށްލުމުގެ ނިޔަތުގައި އެއްލި ބަހެއް ނަމަވެސް މި ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ މާދަމާ އޭގެން އެންމެ ފުރަތަމަ ގެއްލިގެންދާނީ ޝަރީފުވެސް ހިމެނޭހެން ދިވެހި ރައްޔިތުންގެ އެތައް ހައްގެކެވެ.

މަޖިލީހުގެ ކެލާ ދާއިރާގެ ގޮނޑިއަކީ އަބަދަކު ޝަރީފުއަށް ލިޔެފައި ތަބަކަށް ލާފައި އެ ދާއިރާގެ ރައްޔިތުން ދޭނެ އެއްޗެއް ކަމަށް ހީކުރުމަކީ މޮޔަކަމަކަށްވާއިރު ނޫސްވެރިން އެމީހުންގެ ހައްގު ކަށަވަރުކުރަން ކުރާ ބުރަ މަސައްކަތަށް ހަޖޫ ޖަހާ އެމީހުންނަކީ ކާން ބޯން ނުލިބިގެން މަޖިލީހުގެ ކޮމިޓީ އަޑު އަހަން ދިޔަ ބައެއް ކަމަށް ހެދުމަކީ ޝަރީފުމެން ކަހަލަ އައުޅެއް ބައުޅެއް ނުދަންނަ ކައުޅުތަކުގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތްކަމުގެ ހެއްކެކެވެ.

އަހަރުމެންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބެ އަހަރުމެންނަށް ހަޖޫ ޖަހާ ފުރައްސާރަ ތިޔަ ކުރަނީ އަހަރުމެންގެ ޓެކްސް ފައިސާއިން ސައިބޮއި ކައި ދުވާ ހަފައިގެން ތިބެކެން ހަނދާން ނެތުނީ ހެއްޔެވެ. ތިޔަ މެމްބަރުންގެ ނިކަމެތިކަން ނިކަން ދެކި ބަލާށެވެ. ކައިގެން ބޮއިގެން އަނބިދަރިންގެ ބަނޑު ފުރާ މުއްޒިވެސް ތިޔަ ކޮށްދެނީ އަހަރުމެން ނޫސްވެރިންގެ ވެސް ޓެކްސް ފައިސާއިންނެވެ. އެހެންވީމަ މިއަދުވެސް ތިތިބީ އަހަރުމެން ދިނީމާ ސައި ބޮއިގެންނެވެ.

ޝަރީފުއެވެ. އަހަރުމެން ނޫސްވެރިން އުޅެނީ ސައި ނުބޮވިގެން ނޫނެވެ. މިއުޅެނީ ހައްގުތަކެއް ކަށަވަރުކުރަންށެވެ. އެއްބަޔަކު އަހަރުމެންނަކީ ސީންއެއް ކްރިއޭޓުކުރަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރިއިރު އަނެއް ބަޔަކު އަހަރުމެން ތިޔަ ސިފަކުރަނީ ކާން ބޯން ނުލިބިގެން އުޅޭ ބައެއްގެ ގޮތުގައި ކަމަށްވާިއރު، ޝަރީފަށް ދަންނަވާލަން އޮތީ ކޮފީ މޭޒު ދޮށުގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގާތުގައި ރައީސް މުއިއްޒުއާ ހުރެ ތިމަންނާމެން ހަނާ ހުނި ވަނީ އަންހެން ނޫސްވެރިން ތިމަންނާމެންނަށް ރަތް މަހަށް ނުގޮވާހާ އެއްޗެއްހި ކޮމިޓީގައި ގޮވައިފިއޭ ބުނި ހަނދާން އެބަހުރި ތޯއެވެ؟

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved