

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ، ޚާއްސަކޮށް ޕީއެންސީގެ މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތަކުން ހާމަވަނީ މަނީ ލޯންޑަރިންއާ ރިޝްވަތުގެ ހުތުރު އަމަލު ކަމަށާ އެޓާނީ ޖެނެރަލްއާ ޕްރޮސެކިއުޓާރ ޖެނެރަލް އަދި ފުލުހުން އިސް ނަގައިގެން މައްސަލަ ނުބަލަނީތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް ވެރިންނަށް އަމާޒުކުރައްވައިފިއެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ހިސާބުތައް ހުށަހަޅާފައި ހުރީ ދޯހަޅިކޮށް ކަމަށާއި، ދައުލަތުގެ އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަދިޔާގެ ގޮތުގައި ލިބިވަޑައިގަންނަވާނީ ރިޝްވަތު ނޫން އެއްޗަކަށް ނުވާނެ ކަމަށެވެ.
މީގެ އިތުރުން މާލީ ބަޔާންތަކަކީ މެމްބަރުން އަމިއްލައަށް ނެރުވާ އެއްޗެއްކަމަށާ އެ ބަޔާންތައް ދިރާސާކޮށް ބަލާނެ ބަޔަކު ނެތްއިރު މިހާރު ނެރެފައި ހުރި ބަޔާންތަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފެނިގެން ދަނީ މަނީ ލޯންޑަރކޮށް ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ މަންޒަރު ކަމަށާ މިއީ ޕީޖީ، އޭޖީ އަދި ފުލުހުްނވެސް އިސް ނަގައިގެން ބަލަން ޖެހޭ ފަދަ ބޮޑު މައްސަލަތަކެއް ކަމަށެވެ.
އެގޮތުން، މާލީ ބަޔާންތަކުގެ ހިސާބުތައް ދިމާނުވާތީއާ، "ހަދިޔާ"ގެ ނަމުގައި މުދަލާއި ފައިސާ ލިބިފައި ހުރި ގޮތް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނާއި ބަންޑާރަ ނައިބު އޮފީހުން އަދި ފުލުހުން ވެސް އިސް ނަގައިގެން މި މައްސަލަ ބަލަންޖެހޭ ނޫންތޯ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.
ވެރިކަން ކުރާ ޕާޓީ ތަމްސީލުކުރާ މެންބަރުންތަކުގެ މިލްކިޔާތުގައި ހުރި ހަދިޔާއާ ލޯނުތައް ތާކުންތާކުނުޖެހޭ ގޮތަށް ހުރުމުން، ދައުލަތް ތަމްސީލުކުރާ ބައެއްގެ ނަޒާހަތްތެރިކަން ހުރި މިންވަރާމެދު ސުވާލު އުފައްދާ، އެކަމާމެދު ފިޔަވަޅު އަޅަން ގާނޫނީ ލަފައެއް ރައީސް މުހައްމަދު މުއިއްޒަށް އަރުވަން ބަންޑާރަނައިބު އަހުމަދު އުޝާމް ނުޖެހޭތޯ ވެސް އެމަނިކުފާނު ސުވާލުކުރެއްވިއެވެ.
މި މީހުން އަމިއްލައަށް ތައްޔާރުކުރާ މާލީ ބަޔާން، މި ބަލާ މީހަކު ވެރިފައިކުރާ މީހަކު ނޫޅޭ. އޮޑިޓަރަކު ލައްވާ ސާޓިފައިވާ އެއްޗެއް ނޫން. އެހެންވީމާ އެ މީހުން ފޮނުވާ ބަޔާން މިނިވަންވެ މިތާ މިއޮތީ އިނގޭތޯ. އެކަމަކު މީގަ އަނެއްކާވެސް ނުކުންނަ މައްސަލައަކީ ހިސާބު ދިމާނުވާ މައްސަލަ. ދެެން އަނެއް މައްސަލައަކީ މީނަ ލާރި ފޮރުވައިގެން މިއުޅެނީ ކީއްވެހޭ. ލާރި ފޮރުވައިގެން އުޅޭ ކަމަށްވަންޏާ އެއީ މަނީލޯންޑަރިންގެ ލާރިއެއް، އެއީ ނުހައްގު މުއްސަދިކަން. މީނައަށް ވެސް މިހާރު މަޖިލިސް މެންބަރުކަން ކުރާ ބޭފުޅުންނަށް މި ލިބެނީ ހަދިޔާ ނޫންތޯ. ނަޒާހަތްތެރި ބޭފުޅުން ނަޒާހަތްތެރިކަމުން ހުރިހާ ބޭފުޅުންނަށް ހަމަ ލިބެނީ ހަދިޔާ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ މާލީ ބަޔާންތަކަކީ ނަމެއްގައި ނެރުނު އެއްޗެއް ކަމަށާ އެ ބަޔާންތަކުގައި ހުރީ ހުސް އޮޅުވާލުންތައް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.