March 21, 2026
Advertisement
ނޫސްވެރިން ކުރަމުން ގެންދާ އިހުތިޖާޖުގެ ތެރެއިން
ނޫސްވެރިން ކުރަމުން ގެންދާ އިހުތިޖާޖުގެ ތެރެއިން / ސޯޝަލް މީޑިއާ

މީޑިޔާ ތަޅު އަޅުވަން ތިޔަ ކުރާ މަސައްކަތުގެ ނަތީޖާ ރޭކާލާއިރު އޮންނާނީ ވަގުތުފާއިތުވެފައި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 10, 2025, 08:45 PM
މާލެ ސިޓީ

މީޑިޔާ ތަޅު އަޅުވަން ތިޔަ ކުރާ މަސައްކަތުގެ ނަތީޖާ ރޭކާލާއިރު އޮންނާނީ ވަގުތުފާއިތުވެފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީޑިޔާ ކޮންޓްރޯލު ކުރާ ބިލުގެ ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުންވެސް ސިއްރުކޮށް، ކޮމިޓީ އަޑު އަހަން ދިޔަ ނޫސްވެރިންނަށް އަނިޔާކޮށް ނެރެފައިވާވުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގަދަ ބާރުން ނޫސްވެރިން ނެރެ ބޭރުކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަން ފާހަގަކުރައްވާ މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ އަމަލެއް ނޫން ކަމަށް ޑރ ޖަމީލު ވަނި ވިދާޅުވެފައެވެ.

އެގޮތުން މީޑިއާ ތަޅުއަޅުވަން ފޫގަޅައިގެން ތިބި މެމްބަރުންނަށްވެސް އެ ތިކުރެވެނީ ކީއްކަން އިހްސާސްވާއިރު އޮންނާނީ މާލަސްވެފައިކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އަނިޔާވެރި ގާނޫނެއް ފަރުމާ ކުރުމުގައި ބައިވެރިވާ ކޮންމެ މެމްބަރަކީވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަޅު މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެމީހަކު ވެގެންދާނީ ރައްޔިރުންގެ ޚާއިނަކަށް ކަމަށާ މިކަން ރައްޔިތުން ހަނދާން ނައްތާނުލާނެ ކަމަށްވެސް ޑރ ޖަމީލު ޕޯސްޓު ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.

މީޑިޔާތައް ތަޅު އަޅުވަން ގާނޫނެއް އުފަން ކުރަން ބިލެއް މަޖިލީހަށް ހުށަހަޅައިގެން މިހާރު ދިރާސާ ކުރަމުން ގެންދާއިރު ކޮމިޓީ މަރުހަލާ ސިއްރުކޮށްގެން ކުރިއަށް ގެންދާތީ ނޫސްވެރިން ގެންދަނީ އިހުތިޖާޖުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved