theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނޫސްވެރިން ބާރުވެރި ކުރުވަން އައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ކޮމިޓީއިން ނޫސްވެރިން ދަމާ ކޫއްތާ ނެރެފި / ތޭރަގްރެފިކްސް
ހަބަރު
ނޫސްވެރިން ބާރުވެރި ކުރުވަން އައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ކޮމިޓީއިން ނޫސްވެރިން ދަމާ ކޫއްތާ ނެރެފި
10 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ނޫސްވެރިން ބާރުވެރި ކުރުވަން އައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނޫސްވެރިން ދަމާ ކޫއްތާ ނެރެފިއެވެ.

ނޫސްވެރިންނާ މެދު އަނިޔާވެރިކޮށް މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން މެދުވެރިކޮށް އަމަލުކޮށްފައިވަނީ ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީއިންނެވެ.

ނޫސްވެރިން މިއަދު މަޖިލީހުގެ ކޮމިޓީއަށް ވަނީ ނޫސްވެރިންނާ ގުޅުން އޮތް މުހިއްމު ބިލެއް މަޖިލީހުގެ ކޮމިޓީއިން ދިރާސާ ކުރާތީ އެކަންކަް އޮބްޒާވުކުރުމަށެވެ. ނަމަވެސް ނޫސްވެރިން އެ ކޮމިޓީއަށް ވަދެ ތިއްބާ މަޖިލީހުގެ ސެކިއުރިޓީ ގެނެސް ނޫސްވެރިންނަށް އަނިޔާވެރިވާ ގޮތަށް ވަނީ ކޮމިޓީއިން ނެރެފައެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ނަމަ އަދި މީހަކު ފަލީހަތް ވާނެ ފަދަ މައުލޫމާތެއް ހާމަނުކުރާ ނަމަ އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެންނުވާ މައުލޫމާތު ބަދަލުކުރެވޭ ބައްދަލުވުމެއް ކަންވެސް ނޫންކަން ވެސް ކޮމިޓީއިން ހާމަކޮށްފައިނުވެއެވެ. ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. ނަމަވެސް އެއީ ކޮމިޓީ ސިއްރުކުރަން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި ބަޔާން ކުރާ ހާލަތެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މަޖިލިސް ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމުން މިއަދު ކޮމިޓީ ކަވަރު ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވި އެވެ.

ކޮމިޓީ މެންބަރުންނާ ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ ނޫސްވެރިން ގަދަބާރުން ބޭރުކޮށްފަ އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved