theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިނިވަންް މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިން ގަދަކަމުން ބޭރުކުރަނީ / އަދަދު
ހަބަރު
ނޫސްވެރިންނަށް އަނިޔާކުރުމަށް ފަހު މަޖިލީހުން ދޮގު ހަދައިފި
10 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާ ކުރަމުންދާ މީޑިޔާ ރެގިއުލޭޓު ކުރުމުގެ ބިލުގެ މަސައްކަތްކުރިއަށްދާ ގޮތް ބަލަން ކޮމިޓީ ބައްދަލުވުމަށް ވަތް ނޫސްވެރިންނަށް އަނިޔާކުރުމަށް ފަހު މަޖިލީހުން ދޮގު ހަދައިފިއެވެ.

ނޫސްވެރިން މިއަދު މަޖިލީހުގެ ކޮމިޓީއަށް ވަނީ ނޫސްވެރިންނާ ގުޅުން އޮތް މުހިއްމު ބިލެއް މަޖިލީހުގެ ކޮމިޓީއިން ދިރާސާ ކުރާތީ އެކަންކަް އޮބްޒާވުކުރުމަށެވެ. ނަމަވެސް ނޫސްވެރިން އެ ކޮމިޓީއަށް ވަދެ ތިއްބާ މަޖިލީހުގެ ސެކިއުރިޓީ ގެނެސް ނޫސްވެރިންނަށް އަނިޔާވެރިވާ ގޮތަށް ވަނީ ކޮމިޓީއިން ނެރެފައެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ނަމަ އަދި މީހަކު ފަލީހަތް ވާނެ ފަދަ މައުލޫމާތެއް ހާމަނުކުރާ ނަމަ އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެންނުވާ މައުލޫމާތު ބަދަލުކުރެވޭ ބައްދަލުވުމެއް ކަންވެސް ނޫންކަން ވެސް ކޮމިޓީއިން ހާމަކޮށްފައިނުވެއެވެ. ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. ނަމަވެސް އެއީ ކޮމިޓީ ސިއްރުކުރަން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި ބަޔާން ކުރާ ހާލަތެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މަޖިލިސް ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމުން މިއަދު ކޮމިޓީ ކަވަރު ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވިއެވެ.

ކޮމިޓީ މެންބަރުންނާ ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ ނޫސްވެރިން ގަދަބާރުން ދަމާ ކޫއްތާ ބޭރުކޮށްފައެވެ. މިކަމުގެ ކަންބޮޑުވުންތައް އެކި ފަރާތްތަކުން ފާޅުކުރަން ފެށުމުން މަޖިލީހުން ވަނީ އެ މަޖިލީހުގެ ދިފާއުގައި ބަޔާނެއް ނެރެ ޑެމޭޖު ކޮންޓްރޯލުކުރަން މަސައްކަތްކޮށްފައެވެ.

އެގޮތުން 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުން ކަމަށާ އަދި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން ކަމަށް ބުނެ މަޖިލީހުން ވަނީ އަމިއްލަ ދިފާއުގައި ދޮގު ބަޔާނެއް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއް އަޑުއެހުމަށް ދާ މީހުން އެންމެ ފުރަތަމަ ސެކިއުރިޓީ ޗެކު ފުރިހަމަކުރަނީ ވަންނަ ދޮރު ކައިރިންނެވެ. އެއަށްފަހު އެކްސްރޭ މެޝިނުން ޖީބުގައި އަދި ދަބަހުގައި ހުރި ތަކެތި ސްކްރީން ކުރުމަށް ފަހު މެޓަލް ޑިޓެކްޓަރުން ވަދެ ވިޒިޓާ ކާޑު ނަގަން ޖެހެ އެވެ.

މިއަދު ވެސް ކަން ހިނގައިދިޔައީ އެހެން ކަން އެ ތަނުގައި ހުރި އަދަދުގެ ނޫސްވެރިޔާ ޔަގީންކޮށްދިނެވެ. ވެއިޓިން ރޫމްގައި މަޑުކުރަން އެންގުމަށް ފަހު ކޮމިޓީ ބައްދަލުވުން އޮތް މަޖިލީހުގެ އާ އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ނޫސްވެރިން ލިފްޓުގައި އެރުވީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނެވެ.

އެއްވެސް އިރެއްގައި މަޖިލީހުގެ އިދާރާއަށް ވަދެގަތީ ގަދަކަމުން ކަމެއް އިންޓާނަލް ސެކިއުރިޓީއިން އަންގާފައި ނުވާ ކަމަށް އެ ތަނަށް ދިޔަ ނޫސްވެރިން ޔަގީންކޮށްދިނެވެ. އަދި ނުގޮސް މަޑުކުރުމަށް ވެސް ސެކިއުރިޓީއިން އަންގާފައި ނުވާ ކަމަށް ނޫސްވެރިން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved