March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ބޭންކްގައި އެއްލައްކަ ރުފިޔާއާއި އެކު ފަލާހްގެ 15 މިލިއަން ރުފިޔާގެ ލޯނެއް، މިއީ ގޯހެއް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 11, 2025, 03:27 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރ.އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހްގެ އާންމުކޮށްފައިވާ މާލީ ބަޔާނުގައި ފަލާހްގެ ބޭންކް އެކައުންޓްގައި އެއްލައްކަ ރުފިޔާ ހުރި އިރުގައި ފަލާހްގެ ނަންމަތީގައި 15 މިލިއަން ރުފިޔާގެ ބީއެމްއެލް ލޯނެއް އޮތުމަކީ ގޯހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްލައްކަ ރުފިޔާ ބޭންކް ބެލެންސްގައި ހުރި މީހަކަށް 15 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސްއިން ނުދޭނެ ކަމަށެވެ.

މިއީ ކަނޑައެޅިގެން ގޯހެއް ކަމަށާއި މިއީ ފައިސާ ފޮރުވައިގެން އުޅޭކަން ހާމަވާ ކަމެއް ކަމުގައި ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. މިއާއިއެކު ފަލާހް ފައިސާ ފޮރުވައިގެން އުޅުއްވަނީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގެ ތެރެއިން ސުވާލުކުރައްވާފައެވެ.

ބޭންކް އެކައުންޓްގައި އެއްލައްކަ ރުފިޔާ ހުރި މީހަކަށް 15 މިލިއަން ރުފިޔާގެ ބީއެމްއެލް ލޯނެއް އޮތުމަކީ ގޯހެއް. މިއީ ކަނޑައެޅިގެން ގޯހެއް.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިސާ ފޮރުވައިގެން ގެންގުޅުމަކީ މަނީ ލޯންޑްރިންގ ގެ މައްސަލައެއް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއީ ނުހައްގު މުއްސަދިކަން ހޯދުން ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް ނަޒާހަތްތެރިކަމުގެ ސަބަބުން އެބޭފުޅުންނަށް "ހަދިޔާ" ލިބިލައްވާ ކަމަށް އެ ބޭފުޅުން ވިދާޅުވާކަމަށާއި މިއީވެސް ވާނުވާ ނޭގޭ ކަންތައްތަކެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއާއިއެކު، އެއްލައްކަ ރުފިޔާ އެކައުންޓްގައި ހުރި މީހަކަށް 15 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ވެސް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންގެ ނަޒާހަތްތެރިކަމުގެ އެެއްވެސް މިންވަރެއް އެ ބޭފުޅުންގެ ކިބައިގައި ނެތް ކަމަށާއި ހުރިހާ ކަމެއްވެސް އޮޅުވާލާ ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަންވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved