

ރައީސް ޑރ މުހައްމަދު މުއިއްޒުވަރުގެ ޣައްދާރު ވިސްނުމުގެ ވެރިޔެއް ދިވެހި ދިދަ ވިހުރުވޭ ހިސާބުގައިވެސް އުފަން ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މއިއްޒު ހައްދަވާފައިވާ ބޮޑެތި އިތުރުފުޅުތަކުގެ ސޯޝަލް މީޑިޔާ ޕޯސްޓެއް ހިއްސާކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވެރިކަން ހޯދަން ހަމަ ގަސްތުގައި މިންވަރަށް ވުރެވެސް ގިނަ ދޮގުތައް ރައީސް މުއިއްޒު ހައްދަވާފައިވާ ކަމަށެވެ.
އެހެންކަމުން މީހެއްގެ ސީރަތާއި އަޚްލާގު ގޯސްވާނީ އެ މިންވަރަށް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ މިއަދު ގައުމުގައި ހުރިހާ ނިޒާމެއް ރައީސް މުއިއްޒު ވަނީ ފުނޑާލައިފައި ކަމަށް ވިދާޅުވެފައެވެ. ގައުމު ފަގީރުކޮށްފިކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ މުޅި ސަރުކާރު ތެރޭގައި ކޮރަޕްޝަން އާންމުވެއްޖެ ކަމަށެވެ.
މިވަރުގެ ނުލަފައި، ނުބައި ޚިޔާނާތްތެރި، ޣައްދާރު ވިސްނުމުގެ ވެރިޔެއް ދިވެހި ދިދަ ވިހުރުވޭ ހިސާބުގައިވެސް އުފަން ނުވޭ.
— Mohamed Jameel Ahmed (@MJameelAhmed) September 11, 2025
ވެރިކަން ހޯދަން ހަމަ ގަސްދުގައި ހާދަހާ ދޮގެކޭ ހެދީ. މީހެއްގެ ސީރަތާއި އަޚްލާގު ގޯސްވާނީ މިވަރަށް. މިއަދު ހުރިހާ ނިޒާމެއް ފުނޑާލައިފި.
ގައުމު ފަގީރުކޮށްފި.… https://t.co/gHsUiTcYQB
ތައުލީމާ ބީރައްޓެހި ނުކިޔަވާތިބި މީހުން ރައީސް މުއިއްޒު ގައުމުގެ ކަންކަމަށް އިސްކޮށް ދައުލަތުގެ ދިދަ ލަދު ގަންނަވާލައިފިކަމަށާ ބުނާ ބަހަށްވުރެ މީހާގެ އަމަލުން އެމީހާގެ ހަސީލަތް މާރަގަޅަށް ހާމަވާނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ތައާރަފު ކުރާ ގާނޫނުތަކާއި، ރައީސް މުއިއްޒުގެ ކަކުނި ވިސްނުމުން ފަޚުރުވެރިވާ އޭޓީއެމް މެޝިންތަކާ، ކަނޑު އަޑީ ޓަނަލާ، ބަންކަރިންއާއި، އިންވެސްޓް ބޭންކު ފަދަ މަޝްރޫއުތަކުން ރަމްޒުކޮށް ދެނީ ހަމަ އެންމެ ކަމެއް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އެކަމުން ހާމަވަނީ ދިވެހިންނަށް މިލިބުނީ ކޮސްވެރިއެއް ކަމަށް ވިދާޅުވެފައެވެ. އަދި ބުއްދި ހަމަނުޖެހޭ ތަޞައްރަފު ނުފުދޭ، ސައިކޮލަޖިކަލީ ޑިސްޓަރބްޑް މީހެއްގެ ގޮތުގައި ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު ސިފަކުރައްވާފައެވެ.