

ފެނިގެންދަނީ ވިސްނުމެއް، ދިރާސާއެއް ނެތި ހިތަށްއަރާވަޑައިގަންނަވާ އެއްޗެހި ރައްޔިތުން ކައިރީ މުއިއްޒު ވިދާޅުވާ މަންޒަރު ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ބ.ދޮންފަނު ބިން ހިއްކުން ސަރުކާރުން ހުއްޓާލުމާއި ގުޅިގެން އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ފާހަގަކުރައްވާ މަލީހް ވިދާޅުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ އަރިހަށް ވަޑައިގެން އެ ރައްޔިތުންގެ ކުރިމަތީގައި ދައްކާ ވާހަކަތައް އެނބުރި މާލެ އާދެވުމުގެ ކުރިން "ޔޫ ޓާން" ނެންގެވުމަކީ އެއްވެސް ވިސްނުމެއް ނެތި، ދިރާސާކުރުމެއް ނެތި ހިތަށް އަރާ ވާހަކަތައް ދެއްކުމުގެ ނަތީޖާ ކަމަށެވެ.
ދޮންފަނު ރައްޔިތުންނާއި ދޭތެރޭ މުއިއްޒު ކަންތައް ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ، އެ ރަށުގެ ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް މަލީހް ވަނީ މުއިއްޒަށް ގޮވާލާފައެވެ.
އަޅުގަނޑުމެން ރާއްޖޭގެ ރައީސް މުއިއްޒަށް ގޮވާލަން ދޮންފަނު ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް.
މިއާއި އެކު، އިންތިޚާބަށްފަހު މުއިއްޒުގެ ދޮގު ވައުދުތައް ހުއްޓިގެންދާނެ ކަމަށް ހީފުޅުކުރެވިފަވީނަމަވެސް މުއިއްޒުގެ ދޮގު ވައުދުތައް ދިޔައީ އިންތިހާއަށް އިތުރުވަމުން ކަމަށް މަލީހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ރައްޔިތުންނަށް "ދިވެހީންގެރާއްޖެ" އެއްގެ ހުވަފެން ދައްކުވާ މިއަދު އެ ރައްޔިތުންނަށް ކަމެއް ކޮށްދޭން ޖެހުމުން މުއިއްޒު ފަހަތު ފަޔަށް ބުރަވަމުންދާ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ތާއީދު ހޯދުމަށް މުއިއްޒު ވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށް އަބަދުވެސް ކުރައްވަމުންދާ ވައުދުތައް ތަކުރާރު ކުރައްވަމުން ކަން މަލީހްގެ ވާހަކައިގައި ސިފަކުރެއްވިއެވެ.