March 12, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

އަމިއްލަ ބުއްދިން ނުވިސްނާ މީހެކޭ، ބުއްދި ނެތް ޖަނަވާރެކޭ ތަފާތެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

Sep 22, 2025, 12:32 AM
މާލެ ސިޓީ

އަމިއްލަ ބުއްދިން ނުވިސްނާ މީހެކޭ، ބުއްދި ނެތް ޖަނަވާރެކޭ ތަފާތެއް ނެތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބު ވަރަށް ގާތްވެފައިވަނިކޮށް އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫ ރައްޔިތުންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެމަނިކުފާނު ފެލިދޫގައި ދެއްކެވި ވާހަަކަފުޅުގެ ތެރެއިން ވީޑިއޯ ކްލިޕެއް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ. އެ ވީޑިއޯގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ތަރައްގީގެ އެކި އެކި މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދދެވިދާނެ ކަމަށާ ނަމަވެސް ރައްޔިތުންގެ ސިކުނޑި ތަރައްގީ ނުވާ ކަމަށެވެ. އެގޮތުން ރައްޔިތުން ގިނަ ފަހަރު އަމިއްލަ ސިކުނޑިން ވިސްނުމުގެ ބަދަލުގައި ވިސްނަނީ އަނެއް މީހާގެ ސިކުނޑިން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ އެމަގުން ކަންކަން ހިނގާނަމަ މާތް ރަސްކަލާނގެ ދެއްވާފައިވާ ބުއްދީގެ ބޭނުމެއް ނެތް ކަމަށެވެ.

އެގޮތުން އިސްލާމް ދީނުގައި ކޮންމެ މީހަކާވެސް މަތިކޮށްފައިވަނީ އަމިއްލަ ސިކުނޑިން ވިސްނަން ކަމަށާ އެމީހާއަށް ދެއްވި ބުއްދިން ވިސްނުމަކީ ޒިންމާއެއް ކަމަށެވެ. އަދި އިންސީންނަށް ބުއްދި ދެއްވީ ކަމަކު ކަމަށާ އެހެން ނޫނީ ބުއްދި ނުދެއްވާ ޖަނަވާރުންނެކޭ ތަފާތެއް ނެތް ކަމަށް ވިދާޅުވެ ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވަނީ އަމިއްލަ ބުއްދި ބޭނުންނުކުރާ އުޅޭ ސަބަބާމެދު ސުވާލު އުފައްދަވާ މީހަކު ބުނާހާ އެއްޗެއް ގަބޫލުކުރަން ނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މިއީ ރައީސް ޖަނަވާރުންނާ ރައްޔިތުންނާ އެއްފަދަ ކުރައްވަނީ ތޯ އައްސަވާ ދެންނެވި ސުވާލަށް ޖަވާބު ދެއްވާ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލު ވިދާޅުވީ، އެއީ ރައީސް ރައްޔިތުންނަށް އިޝާރާތްކުރައްވާ ވިދާޅުވި އެއްޗެއް ނޫން ކަމަށެވެ. އެއީ ވަކި މަގްސަދެއް ހާސިލްކުރުމަށް އެޑިޓުކޮށްގެން ބޭނުންކުރާ ވީޑިއޯއެއް ކަމަށްވެސް ޚަލީލު ވަނީ ވިދާޅުވެފައެވެ..

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved