February 26, 2026
Advertisement
އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި ސްޓޫޑިއޯއެއް ހުޅުވައިފި
އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި ސްޓޫޑިއޯއެއް ހުޅުވައިފި / ތޭރަގްރެފިކްސް

އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި ސްޓޫޑިއޯއެއް ހުޅުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2025, 12:51 AM
މާލެ ސިޓީ

އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

Advertisement

މި ސްޓޫޑިއޯއަކީ، އަންހެންވެރިންނަކީ ގިނަ ފަހަރު ގޭތެރޭގޭ ކަންކަމުގައި އަވަދި ނެތި އުޅުމުގެ ސަބަބުން އަމިއްލަ ސިއްހަތަށް ވަގުތު ނުހޯދި ދުޅަހެޔޮކަން މަތީ ތިބުމަށް މަގު ހަނިވެފައިވާ ބަޔަކަށް ވުމުން އެ ފަދަ އަންހެނުންނަށް ޚާއްސަކޮށް ހުޅުވި ސްޓޫޑިއޯއެކެވެ.

ސްޓޫޑިއޯގެ ފަރާތުން މީޑިޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ދުނިޔޭގައި ހަށިހެޔޮ ކަމާއި ދުޅަހެޔޮ ސިއްޙަތަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެެއް ކަމާ ޚާއްޞަކޮށް އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް ތަޢާރަފުވުމަކީ ލިބުނު ވަރަށް އުފަލެއް ކަމަށެވެ.

ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ބެލެންސް ސްޓޫޑިއޯގެ ތަސައްވުރަކީ، އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށް މައުލޫމާތު ދީފައިވެއެވެ. މި ސްޓޫޑިއޯ ހުންނާނީ ޗާންދަނީމަގުގައި ހުންނަ އެމްއެފް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ކަމަށާ މި ސްޓޫޑިއޯގެ މައިގަނޑު އަމާޒަކީ އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރި ކުރުވަނިވި މާހައުލެއް ފޯރުކޮށްދިނުން ކަމަށް ވެސް ސްޓޫޑިއޯއިން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތު ހާމަކޮށްފައިވެއެވެ.

ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ޚާއްޞަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވާއިރު މި ސެޝަންތައް ފަރުމާކުރެވިފައި ވަނީ ހުރިހާ އުމުރު ފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.

ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ. މި އިންސްޓްރަކްޓަރުން ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ ޤާބިލުކަމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުޞަތު ދިނުމާއެކު، އެކަށީގެންވާ އިރުޝާދު ފޯރުކޮށްދޭނެއެވެ.

މިއަދުގެ އަންހެނުންނަކީ ވަޒީފާގެ މަސްއޫލިއްޔަތުތަކާއ،ި ގޭތެރޭގެ ޒިންމާތަކާއ،ި ދަރިން ބެލެހެއްޓުމުގެ ކަންކަމުގައި އުޅެމުންދާ ބަޔަކަށްވެފައި މި ހުރިހާ ޒިންމާތަކެއްގެ ތެރޭގައި އަމިއްލަ ސިއްޙަތަށް ވަގުތު ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްކަން ގަބޫލުކޮށް ބެލެންސް ސްޓޫޑިއޯއިން މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ.

22 ސެޕްޓެމްބަރ 2025 ގައި ރަސްމީކޮށް ސްޓޫޑިއޯ ހުޅިގެންދާއިރު މި ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓަރވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު އިންސްޓަގްރާމްގައި @mv.balance އަށް މެސެޖްކުރެއްވުމުން ލިބިގެންދާނެއެވެ.

ބެލެންސް ސްޓޫޑިއޯގެ ތަޢާރަފާއެކު ރާއްޖޭގެ އަންހެނުންނަށް އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށާ މިއީ އަންހެނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް އެ ސްޓޫޑިއޯއިން ފާހަގަކުރެއެއެވެ. އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved