

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާ އެކު އެ ދެ ބޭފުޅުން މިނިވަންވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި މި ރާއްޖޭގެ ރައްޔިތުން ދެކެ އެވެ.
ހަމައެހެންމެ އެ ދެމީހުންނަށް "ކުއްލިއަކަށް" މައާފް ދެއްވި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ދިވެހިން ދުވަހަކު ވެސް މާފެއް ނުކުރާނެކަން އެއީ ދެން މުޅި ދުނިޔެވެސް ދަންނާނެ ހަގީގަތެކެވެ. އެއީ އަދީބާއި ޒިޔަތަކީ ފާސިގުން ކަމަށް ކޯޓުން ވެސް އޮތީ ކަނޑައަޅާފަ އެވެ.
ކޮންމެ އަކަސް އަދީބާއި ޒިޔަތުގެ ހުކުމް ސޯލިހު ލުއިކޮށްދިނުމަކީ އަދުލުވެރި، ޖަވާބުދާރީކުރަނިވި މުޖުތަމައުއެއްގެ އުސޫލުތަކާއި ހިލާފު، ކޮރަޕްޝަނާއި ކްލެޕްޓޮކްރަސީއާ ދެކޮޅަށް ކުރާ މަސައްކަތަށް އެޅުނު ހުރަހެކެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އަދި އެ ނޫންވެސް ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވާ މީހުން ނުވަތަ މީހާ ކުށްވެރިވާ ނަމަ، އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ އެވެ. އެކަމަކު، ހިޔާނާތުގެ ބޮޑު ލިސްޓެއް އޮއްވާ "ކުޑަ ލިސްޓް" ހަދައިގެން ސިޔާސީ ގޮތުން ތިބޭ ފަޅި އަކީ އެ ތުހުމަތުން މިންޖުވެވޭނެ ކަމަކަށް ވެގެން ނުވާނެ އެވެ. އިސްތިހާބު ތަކުގައި "ވަކި ހާއްސަ" ފަޅިއަކަށް އެރުމަކީ ދައުވާ ހުއްޓެން ޖެހޭ ނޫނީ ލުއި ލިބެން ޖެހޭނެ ސަބަބެއް ނޫނެވެ. އޭރުން އެވަނީ ސެލެކްޓިވް ޖަސްޓިސްއަށެވެ.
މިފަހުން ލީކްވި އަދީބުގެ ފޯނުން ނެގި މައުލޫމާތުތަކުން ވެސް ހާމަ ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ސޯލިހު ވެސް އަދި މުއިއްޒު ވެސް ގެންގުޅުއްވާނީ "ޒީރޯ ޓޮލެރަންސް" ނޫން ކަމެވެ.
ލީކްވީ އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ "ފަރަޑޭ ފޮރެންސިކްސް" އިން އަދީބު ގެންގުޅުނު ފޯނަކުން 2015ގައި ނެގި މައުލޫމާތުތަކެއް ކަމަށް ބެލެވޭ 2،973 ސޮފްހާގެ ރިޕޯޓެކެވެ. މި ދައްކަނީ ގައުމުގެ ބައިތުލްމާލު ގާތްގަނޑަކަށްހެން ދޮވެލި އަދި އެތައް ބިލިއަން ރުފިޔާއަކާއި އެތައް ބަޔަކު އޭގައި ހިމެނޭ ހިޔާނާތެއްގެ ވާހަކަ އެވެ.
އޭރު އަދީބު ހުންނެވީ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށެވެ. ނައިބު ރައީސްކަން ވެސް ދުވަސްކޮޅަކު ކުރެއްވި އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދީބަށް ފޮނުއްވާފައިވާ މެސެޖުތަކުން އެނގުނީ މެންބަރުން ތިއްބެވީ އަދީބުގެ ބެލުމުގެ ދަށުގައި ކަމެވެ. ސަރުކާރަށް ފާރަވެރިވެ ތިބެ ގާނޫނު ހެދުމަށް އޮތް ބާރު އޮތީ އަދީބުގެ މުށުތެރޭގައި ކަމެވެ. އަދުލުވެރި ހުކުމަކަށް ރައްޔިތުން އެބައެއްގެ ފުށުން އުންމީދު ކުރި ފަނޑިޔާރުން ތިބީ އަދީބު އަތުން ފައިސާ ނަގައިގެން ނެވެ. ދައުލަތުގެ ދިފާއީ ޔުނިފޯމްގައި ތިއްބެވި ސިފައިންނާއި ފުލުހުން ތިބީ އަދީބު ފައިސާ ފޮނުވާނެ ވަގުތެއްގެ އިންތިޒާރުގައި އެވެ. މުޅި ގައުމުގެ ހުރިހާ ބާރެއް އޮތީ އަދީބުގެ ހިސޯރެއްގައި އެވެ.
އެއިރު ވެރިކަންކުރި ޕީޕީއެމްގެ މެޖޯރިޓީ މަޖިލިސް ކޮންޓްރޯލްކުރެއްވި ގޮތް ކޮންމެވެސް ވަރަކަށް މި މެސެޖުތަކުން ސާފުވެ އެވެ. ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް އެމްއެމްޕީއާރުސީން ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެ، އޭގެ ގިނަ ފައިސާ ދައުރުކޮށްފައި މި އޮތީ އެއް ކޮޅާއި ދެކޮޅު މަޖިލީހުގެ މެންބަރުން "ހެޕީ" ކޮށްދިނުމަށެވެ.
ބައެއް މިސާލުތަކެވެ.
މިހާރު ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު، އިބްރާހީމް ފަލާހު އެވެ. އަދީބު އަރިހުން އެދެމުން ދިޔައީ 50،000ރ. ހަމަޖައްސާލަދެވިދާނެތޯ؟ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ގެއްލުނުއިރު ފަލާހު ދިޔައީ އަދީބު ފަލާހް އަށް ކޮށްދެއްވާ ބޮޑެތި ކަންތައްތައް މަތިން ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށް ބުނެ އަބަދުވެސް އަދީބުއާ އެކު ހުރި ވާހަކަ ބުނަމުން ނެވެ.
އަދި ވެދެއްވާ ބޮޑެތި އެހީތެރިކަމަށް ފަށްފަށުން އަދީބު އަށް ފަލާހް ދިޔައީ ތައުރީފާއި ސަނާ ކިޔަމުން ނެވެ. މީގެ އިތުރުން މާ ބޮޑަށް ފަލާހް ފަރާތުން އަދީބަށް އުނދަގޫ ކުރެވޭތީ އެ ކަމަށް ޓަކައި މާފަށް ވެސް އެދެމުން ނެވެ. އަދި އަނބުރާ ދައްކާ ގޮތަށް "ކޭޝްކޮޅެއް" ދެވެން އޮތް ނަމަ ހަމަޖައްސާލަދެއްވުން ފަލާހު ދިޔައީ ތަކުރާރުކޮށް އެދެމުން ނެވެ. ފަލާހު އާއި އަދީބުއާއި ދެމެދު ހިނގި ކަމަށް ރިޕޯޓުން ފެންނަ މުއާމަލާތްތަކުން ސާފު ވަނީ އަދީބުގެ ތަނަވަސް ކަމާއި އަދި ފަލާހް އަދީބުގެ ކިބައިން ފައިސާ އަށް އެދޭ މިންވަރެވެ.
މިފަދަ އެހެން މިސާލެކެވެ. މިފަހަރު ބާރަށު މައިކް އެވެ.
ބާރަށު ދާއިރާގެ މެންބަރު ކަމުގައި ހުންނަވާ ޝުޖާއު އަދީބު އަރިހުން އެދެމުން ދިއައީ ޝުޖާއު ބުނާ ގޮތަށް "ބޮސް" ގާތު ބުނުމަށާއި ބާސްކެޓްބޯޅަ ޓޯނަމެންޓްގެ އަށް ސްޕޮންސާއެއް ލިބޭ ގޮތް ހަމަޖައްސައިދީ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވަން އައުމަށެވެ. އަދި އަތުގައި އޮތީ އަދީބު ދެއްވި 50،000 އެކަނި ކަމަށް ވެސް ބުނެ އެވެ.
އަދި ޓީޓީ ނުފޮނުވިގެން މަޅި އަރައިގެން "އަދީބު ބްރޯ" އަތުން 100000 ޑޮލަރަށް އެދެ އެވެ. އަދި ފައިސާ ނުދެއްކޭނަމަ "ސަލާމަތެއް ނުވާނެ" ކަމަށް ވެސް އަދީބު އަށް ފޮނުވި މެސެޖް ގައި ޝުޖާއު ބުނެ އެވެ.
ލީކުވި ރިޕޯޓުން މުޅިން ވެސް ފެންނަނީ ފައިސާ އަށް އެދި އަދީބު ގާތުގައި މީހުން އެދޭ ކަމެވެ. އަދި ދެން ވެސް ގިނަ މެސެޖުތައް ކުރައްވާފައިވާ ބައެއް ބޭފުޅުންނަކީ މުއިއްޒު ސަރުކާރުގެ ވަރަށް އިސް ބޭފުޅުންނެވެ.
މުޖުތަމައެއްގެ އެންމެ ބޮޑު އެއް މުޖުރިމުންނަކީ ހިޔާނާތްތެރީންނެވެ. ބާރުތަކާއެކު ހަވާލުކުރި ޒިންމާއަށް ހިޔާނާތްތެރިވާ މީހުންނެވެ. ރައްޔިތުން ދައުލަތަށް ދައްކާ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނެވެ. ދައުލަތުގައި ހުރި އަގުހުރި މުދާތަކާއި ގުދުރަތީ ވަސީލަތް ތަކުން ނުހައްގު މުއްސަނދި ކަން ހޯދައިގެން އުޅޭ މީހުނެވެ.
ނަމަވެސް ނުހައްގު މުއްސަދިކަން ހޯދުމުގެ މުއާމަލާތް މިއަދު ވެރިކަމުގައި ހުންނެވި ވެރިމީހާ އަކަށް ވެސް "ކުށަކަށް" ނުވި އެވެ. ފަހަރުގައި ލީކްވާން ހުރި މެސެޖްގައި ތާށި ވާނެ ކަމަށް ބެލެވެނީ ކަމަށް ވެދާނެ އެވެ.
އަދީބާއި ޒިޔަތު މިނިވަން ކުރި ކަމުގެ ހުތުރު ނަން ސޯލިހު އަށް ލިބިއްޖެ އެވެ. އަދި މުއިއްޒު ސަރުކާރުން ކަންކުރާ ގޮތުން ފެންނަން އޮތީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ "ސިޔާސީ މޮޑެލް" އަކީ ވެސް ސެލެކްޓިވް ޖަސްޓިސްއެވެ.
ފުލުހުންނާއި، ޕްރޮސެކިއުޓަރުންނާއި، ޖުޑިޝަރީ ގުޅިގެން ވައްކަން ހުއްޓުވާން ނުވަތަ ފޮރުވަން ކުރާން އޮތީ ވަކިން ކޮންކަމެއް ހެއްޔެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން އޮތީ ނިދާ ފަ އެވެ. ރައީސް މުއިއްޒުގެ ދިފާއުގައި މިއަދު ނިކުމެ ހުންނެވި ފަލާހު އަދީބު އަތުން އެދުނީ ކޭޝް ކޮޅަކަށެވެ. ބާރަށު މައިކުން އިއްޔެ ފަދައިން މިއަދު ވެސް ބޭނުންވީ ހަމައެއް ލަމައެއް ނެތި ޑޮލަރު ކޮޅެކެވެ. މިކަން ބަލަން އޮތް ދުސްތޫރީ ބާރުތައް ތިބީ ގަދަ ނިންޖެއްގައި އެވެ.