

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން އިސްނަގައިގެން ފަށާފައިވާ ވޯމްއަޕްގެ ގައުމީ ހަރަކާތުގެ ތެރެއިން ޖަލްސާއެއް ހުކުރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.
"ވޯމްއަޕް"ގެ މި ހަރަކާތް އޮންނާނީ 26 ސެޕްޓެމްބަރު 2025 ވާ ހުކުރު ދުވަހުގެރޭ ބޮނޑިބަތް ޕާކު ސަރަހައްދުގައި ކަމަށް އެ ޕާޓީގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި ހަރަކާތަކީ ގައުމަށް ދިމާވެފައިވާ މި ޚައްސާސު ވަގުތުގައި ވެރިން ޒިންމާދާރުކުރުވަން ރައްޔިތުން ނުކުންނަން ހިތްވަރު ދިނުމާ އާންމުންގެ ހާލަތު އިހުނަށް ވުރެ ގޯސްވެ އާންމު ދިރިއުޅުން ބޮއްސުންލާ ހިސާބަށް ގައުމުގެ ކަންކަން ދަތުރުކޮށްފައިވުމުން ސަރުކާރު މިކަންކަމާ ޖަވާބުދާރީ ކުރުވަން މަސައްކަތްފެށުމުން ކަމަށް ޕީއެންއެފުން ވަނީ މައުލޫމާތު ދީފައެވެ.
އެހެންކަމުން މިއީ ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށާ ސަރުކާރު ޖަވާބުދާރީ ކުރުވަން އެންމެހާ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ޕީއެންއެފުން ވަނީ އެދިފައެވެ.
މި ހަރަކާތްތައް މެދުކެނޑުމެއް ނެތި ސިލްސިލާކޮށް ކުރިއަށް ދާނެ ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.
މިފަހަކަށް އައިސް ޕީއެންއެފުން ގެންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ސަރުކާރުގެ ވެރިންގެ ވައްކަމާ ކޮރަޕްޝަންގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެމުންނެވެ.