

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެެއްޖެއެވެ.
މި މައްސަލަ އޮޑިޓަރ ޖެނެރަލް އޮފީހުން ތަހުގީގުކޮށް ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި މި މައްސަލައިގެ ތަފްސީލުތައް އާންމުކޮށްފައިވާއިރު މިއީ ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑު ވައްކަމާއި ޚިޔާނާތުގެ މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
އެގޮތުން ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ މުހިންމު ކަންކަން:
އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢުތައް
ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން.
ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން.
ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން.
ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ކުންފުނިތަކާއެކު، ކުރީގެ ސަރުކާރުން 92 އެއްބަސްވުމެއް ހަދާ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ވަނީ އޮޑިޓް ރިޕޯޓުން ފަޅާ އަރާފައެވެ.