theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީ ކައުންސިލަރުން ދަނީ ޖަލްސާތައް ބޮއިކޮޓު ކުރަމުން / ތޭރަގްރެފިކްސް
ހަބަރު
މޭޔަރު މުއިއްޒުގެ ވެރިކަމުގެ ދިން މަސް މާރުކޭޓުގެ މައްސަލަ ބަލަން ރައީސް މުއިއްޒުގެ ކައުންސިލަރުން ނުދާތީ ކޯރަމް ހަމަނުވެފައި!
26 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މޭޔަރު މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދިން މަސް މާރުކޭޓުގެ މައްސަލަ ބަލަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޕާޓީގެ ކައުންސިލަރުން ނުދާތީ ކޯރަމް ހަމަނުވެގެން މައްސަލަ ނުބެލި ލަސްވަމުންދާކަން ހާމަވެއްޖެއެވެ.

މާލޭގެ ރޯ މަސް މާރުކޭޓް ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަށް ވެސް ވަނީ ހުށަހަޅާ، އެ މައްސަލަ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

ސައިފް ކައުންސިލަށް ހުށަހެޅި މައްސަލަ ތިން ދުވަސް މަތިން އެޖެންޑާކުރުމުން ވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ ނުބޭއްވިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް މައްސަލަ އެޖެންޑާ ނުކުރާ ދެ ޖަލްސާއެއް، ކޯރަމް ހަމަވެގެން މި ފަހުން ވަނީ ބާއްވައިފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި، މައްސަލަ އެޖެންޑާ ކުރުމުން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އެ ޕާޓީގެ ކައުންސިލަރުންނަށް ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނުދިއުމަށް އަންގާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މަސް މާރުކޭޓް މަސައްކަތް ބިޑަށް ލައި، އިވެލުއޭޓްކޮށް ކުންފުންޏަކާ އޮތީ ހަވާލުކޮށްފައެވެ. އެއީ 6.1 މިލިއަން ޑޮލަރަށެވެ.

އެކަމަކު އެ މަނިކުފާނު ރައީސް ކަމަށް އިންތިހާބުވި ފަހުން އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފައެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ.

އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް މަސައްކަތް ހަވާލުކުރި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު އަލީ ނަސީރެވެ.

އެހެންވެ، އޭނާ ޖަލްސާއަށް ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ސައިފް ވަނީ ހުށަހަޅުއްވައިފަ އެވެ. އެއީ އާ އެއްބަސްވުމެއް ހަދަން ނުވަތަ އާ އެއްބަސްވުމާ ގުޅޭ އެެއްވެސް ކަމަކަށް ކައުންސިލުން ރުހުންދީފައިނުވާތީ އާއި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ގޮތަށް އާ އެއްބަަސްވުމެއް ހެދުމާއި އަގަށް ބަދަލު ގެނައުން ހުއްދަ ނުކުރާތީއެވެ.

އެހެންވެ ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން އުޅޭ ކަމަށް ތުހުމަތުވާ އެ މައްސަލަ ކުރިއަށް ގެންދިއުމަށް 31 އޮގަސްޓުގައި ތާވަލުކުރިޔަސް އެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށް ސައިފް ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒުގެ މޭޔަރު ކަމުގައި ހިންގާފައިވާ އެ ކޮރަޕްޝަންގެ މައްސަލަ އެޖެންޑާކުރުމާ އެކު ޕީއެންސީގެ ކައުންސިލަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށް ކޯރަމް ގެއްލުވާލާފައެވެ. ބޭނުމަކީ މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި އެ ކޮރަޕްޝަންގެ މައްސަލައިގައި ހިންގާފައިވާ ޖަރީމާތައް އިތުރަށް ތިލަވެދިޔަ ނުދިނުމެވެ.

ކުރިގެ މޭޔަު އަދި މިހާރުގެ ރައީސް މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ގެއްލިދާނެތީ އެކަން ވިޔަނުދިނުމަށެވެ. ޕީއެންސީގެ ކައުންސިލަރުން އެ ޖަލްސާ ބޮއިކޮޓް ކުރުމަކީ މަސް މާރުކޭޓްގެ މައްސަލާގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް އިތުރަށް ބާރު ލިބޭ ކަމެކެވެ. ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިނުވާނަމަ އެ މައްސަލަ ބެލުން ހުއްޓުވަންޖެހޭ ސަބަބެއް ނޯންނާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved