އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ އެއް މަތިންދާބޯޓު އުފުލާ ބޯޓު ކަމަށްވާ "ޔޫއެއްއެސް އަބްރަހަމް ލިންކަން" އީރާނުގެ ވެރިރަށް ތެހެރާނަށް ހަމަލާދެވޭ ފަދަ ސްޓްރެޓީޖިކް ސަރަހައްދަކަށް ދަތުރުކޮށްފިއެވެ.
މި ހަރަކާތަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އުދުވާނުތަކާ ގުޅިގެން، އީރާނުން ދީފާނެ ހަމަލާއަކުން ދިފާއުވުމަށާއި އިސްރާއީލަށް ވާގިވެރިވުމުގެ ގޮތުން އެމެރިކާއިން އެޅި ޓެކްޓިކަލް ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓު މިހާރު ދަތުރުކުރަމުންދަނީ އީރާނުގެ އެކި އަމާޒުތަކަށް ފަސޭހަކަމާއެކު ހަމަލާ އަމާޒުކުރެވޭނެ ފަދަ އޮޕަރޭޝަނަލް ރޭންޖެއްގެ ތެރޭގައެވެ.
ޔޫއެއްއެސް އަބްރަހަމް ލިންކަން އަކީ އެންމެ ޒަމާނީ އެފް-35ސީ ފައިޓަރު ޖެޓްތަކާއި، މިސައިލް ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ލިބިގެންވާ މަނަވަރުތަކާއެކު ދަތުރުކުރާ ކެރިއާ ސްޓްރައިކް ގްރޫޕެކެވެ. މި މަނަވަރު މި ސަރަހައްދަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، އިސްރާއީލާ ދެކޮޅަށް އީރާނުންނާއި އެގައުމަށް ވާގިވެރިވާ ޖަމާއަތްތަކުން ދީފާނެ ކޮންމެ ހަމަލާއަކަށް ވަގުތުން ރައްދު ދިނުމެވެ. ކަމާއި ބެހޭ މާހިރުން ދެކޭގޮތުގައި، މިއީ ތެހެރާނަށް ނަފްސާނީ ގޮތުންނާއި އަސްކަރީ ގޮތުން ބިރުދެއްކުމަށް އެމެރިކާއިން ބޭނުންކުރާ އުކުޅެކެވެ.
މި ނިންމުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. އެމެރިކާގެ މި ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
BREAKING: 🇺🇸🇮🇷 The U.S. aircraft carrier USS Abraham Lincoln has moved within striking distance of Tehran. pic.twitter.com/KVn74Yo5ai
— War Radar (@War_Radar2) February 6, 2026
މި ހަރަކާތްތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވެސް ވަނީ އެގައުމުގެ މިސައިލް ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އެމެރިކާއިން އިސްރާއީލަށް ހިމާޔަތް ދިނުމަށް މިފަދަ ވަރުގަދަ އަސްކަރީ އުޅަނދުތައް ބޭނުންކުރަމުންދާއިރު، އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ އުދުވާނުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ. އެހެންނަމަވެސް، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ މި ދަތުރާއެކު، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން މިހާރު ވަނީ ނުރައްކާތެރި މަރުހަލާއަކަށް ފެތުރިފައެވެ.