
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މޯލްޑިވްސް އާޕޯޓްސް ކޮމްޕެނީ، ކޮރަޕްޝަންގެ ހާއްޔަކަށް ހަދާ އެ ކުންފުނި ލޫޓުވަމުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލިހު މިފަދައިން ވިދާޅުވީ މިފަހަކަށް އައިސް އަތޮޅު ތެރޭގައި ގިނަ އެއާޕޯޓުތަކެއް އެޅުމަށް ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައެވެ.
އެމްއޭސީއެލްއަކީ އެއާޕޯޓު އެޅުމުގެ ގާބިލުކަން ހުންނާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވާ މަލީހުގެ އެކްސްގެ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްއޭސީއެލްއަކީ އެއާޕޯޓު މެނޭޖުމަންޓު ކުންފުންޏެއްކަމަށެވެ.
އެމްއޭސީއެލްއިން އެފަދަ މަޝްރޫއުތަކާ ހަވާލުވެ ދަނީ، ކޯޕަރޭޓު ގަވަނެންސްއާ ޚިލާފުވަމުން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ، އެ ކުންފުނިން ދަނީ ސަރުކާރުގެ ސިޔާސީ ސްޓަންޓުތަކުގައި ބައިވެރިވަމުން ކަމަށެވެ. އަދި މަލީހު ވިދާޅުވީ، އެއާޕޯޓު އަޅަން އެމްއޭސީއެލްއާ ސަރުކާރަށް އެއް ގޮތަކަށްވެސް ހަވާލުނުކުރެވޭނެ ކަމަށެވެ.
މަލީހުގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެމްއޭސީއެލް ބަނގުރޫޓު ކޮށްލަން ކަމަށާ އެ ކުންފުނީގެ ނަމުގައި ލޯނު ނަގާ، ސަރުކާރުން ސިޔާސީ މަގްސަދު ހާސިލްކުރަން އަޅާ އެއާޕޯޓުތަކުގެ މަސައްކަތުގެ ތެރެއަށް އެމްއޭއޭސީއެލް ވައްދައިގެން ނުވާނެ ކަމަށެވެ.
އެކަން ކުރަން ޖެހޭނީ ބަޖެޓުގައި ޖަހައިގެން ސީދާ ސަރުކާރުންކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑު މެމްބަރުން ކުޑަ ކަކޫ ޖަހައިގެން ނުތިބެ ހޭލަން ވެއްޖެ ކަމަށެވެ.
މަލީހު އިތުރަށް ވިދާޅުވެފައިވަނީ، އެމްއޭސީއެލް ކޮރަޕްޝަންގެ ހާއްޔަކަށް ހަދާ ސަރުކާރުން ގެންދަނީ ރޯމާ ދުވާލު އެ ކުންފުނި ލޫޓުވަމުން ކަމަށާ އައު ޓާމިނަލްވެސް ނުނިމެނީސް ހުޅުވަން ސަރުކާރުގެ ވެރިންގެ ޖީބަށް ކިހާވަރެއް އަޅަން ޖެހުނު ކަމާ މެދު މަލީހު ވަނީ ސުވާލު އުފައްދާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ދާދި ފަހުން އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ރަށްތަކެއް އެއާޕޯޓު އެޅުމަށާ ބަނދަރު ހެދުމަށް އެމްއޭސީއެލްއާ އަދި އެމްޓީސީސީ ފަދަ ކުންފުނިތަކާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.










