

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފްއިން) ބާއްވަމުން ގެންދާ އެ ޕާޓީގެ ޓައުން ހޯލް ޖަލްސާ މިރޭ 08:45 ގައި އޮންނާނެ ކަމަށް ހާމަކޮށްފިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާއި، ގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާ ޚިޔާލު ފާޅުކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ ހ.ދޫވެހީގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ކަމަށް އެ ޕާޓީގެ ސެކްރަޓަރީ ޖެނެރަލް ބުނެފައި ވެއެވެ.
މިރޭގެ ޖަލްސާގައިވެސް އެހެން ޖަލްސާތަކެކޭ އެއްފަދައިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ބިނާކުރަނިވި ފިކުރަށް ތާއީދުކުރާ އަދި އަދުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންފުޅުވާ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވެއެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި އަންނަނީ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަނާއި ނުރަނގަޅު ސިޔާސަތުތަކަށް އަލިއަޅުވާލާ މިފަދަ މައްސަލަތަކުގެ ހަގީގަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެމުންކަން ފާހަގަކުރެވެއެވެ.