
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަން ކަށަވަރު ނުވާކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވަކި ކުންފުންޏަކަށް އެކަނި އަމާޒުކޮށް އޮޑިޓު އޮފީހުން އޮޑިޓު ހިންގިއިރު މި ސަރުކާރުގައި ބޮޑެތި ވައްކަންތަކާ ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.
އެގޮތުން ރަސް މާލެ ޕްރޮޖެކުޓާ އެޗްޑީސީ އޮޑިޓު ނުކުރުމާ އެންސްޕާގެ އޮޑިޓެއް ނުހިންނާ ކަމާ ސިޓީ ކައުންސިލްގެ އޮޑިޓުވެސް ނުހިނގާކަން މަލީހު ފާހަގަކުރައްވާފައެވެ.
މަލީހު އިތުރަށް ވިދާޅުވީ، ސަރުކާރު ތެރެއިން މިފަދައިން އަމަލުކުރަމުންދާތީ އަދި ތަފާތު ކުރުން ގެންގުޅޭތީ ރައްޔިތުންގެ އިތުބާރު ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ގެއްލިފައިވާ ކަމަށާ އޮޑިޓު އޮފީހުގެ އުސޫލެއް އޮތްކަމެއް މިހާރު ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު ނުބެލެވޭ ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ތެރޭގައި ވައްކަމާ ކޮރަޕްޝަން މެކުހަށް ޖަހާފައިވާއިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުން އިސް ނަގައިގެން ތަހުގީގު ނުކުރާތީ ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.










