

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑު މެދުވެރިކޮށް މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ގެނައި ބަދަލުތަކުގެ ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ.މިއާއި އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތަފާތު ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
މި ބަދަލު އަންނާނީ 1 ފެބްރުއަރީ 2024 އިން ފެށިގެންނެވެ. މިގޮތުން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް މިހާރުގެ 750 ޑޮލަރުން 1,400 ޑޮލަރަށް އިތުރުކުރެވޭނެއެވެ.
އަދި ގޯލްޑް ކާޑުގެ ލިމިޓް މިހާރުގެ 750 ޑޮލަރުން 1,500 ޑޮލަރަށް އިތުރުކުރެވޭއިރު، ޕްލެޓިނަމް ކާޑުގެ ލިމިޓް މިހާރުގެ 1,500 ޑޮލަރުން 2,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ކްރެޑިޓް ކާޑުތަކުގެ ލިމިޓް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ ބަދަލެއް ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއިރު މިފަދައިން ނިންމަވާފައިވަނީ ރައްޔިތުންގެ ޝަކުވާ ގިނަވެފައިވަނިކޮށެވެ.