

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އެގޮތުން އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފައިސާ އިން މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓު ލިމިޓެޑް ގެ ދަށުން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
ސިޓީގައި ވިދާޅުވެފައިވަނީ އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތު ކުރެވުމުން މިކަމުގައި ހިނގާފައިވާ ކަންކަމުގެ ވަށައިގެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު، އެންމެފުރަތަމަ މއ.ސީރާޒ/މާލެ އެގޭގެ 4 ފަންގިފިލާއެއް ކުއްޔަށް ހިފާ އަދި ކުއްޔަށްދީ ހަދާފައިވަނީ ހއ.ވަށަފަރަށް ނިސްބަތްވާ ޢަބުދުﷲ ޒާހިރު ނަމަކަށް ކިޔާ މީހަކާ ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ އާއި ދެމެދުގައި ކަމަށާއި، ޒާހިރަކީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢީޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތު ބަލަހައްޓާ އަދި ރައީސް މުއިއްޒުގެ މަސްލަޙަތު އޮތް ޢާއިލީ ގުޅުން އޮންނަ މީހެއް ކަމަށެވެ.
އަދި އެމް.އެމް.ޓީވީ އަކީ، ޢަބުދުﷲ ޒާހިރު ގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ދަށުން ހިންގުމަށް އުފައްދާ އަދި ހިންގަމުން ގެންދާ ޓީވީ ޗެނެލެއް ކަމަށާއި، މި މުޢާމަލާތް ހިންގުމަށް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނި އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ގުޅިގެން ޕުލޭން ކުރެވިގެން، މއ.ސީރާޒީ ގޭގައި ހުރި ސައިޒުގެ ފުލޯތަކެއް ކުއްޔަށް ހިފުމަށް އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ދެމެދުގައި އެއްބަސްވުން ހެދުމަށްފަހު، އެންސުޕާ އަށް ދީފާއިވާ ދައުލަތުގެ ފަންޑުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށެއް ލައްކަ) ދިވެހި ރުފިޔާ ގެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައިވާ ކަމަށެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެ ސުޕޯކުސް ޕާރސަންގެ މަޤާމުގައި ހުންނަވާ ހީނާ ވަލީދު ދައުލަތުގެ އަދި މިފަދަ ކުންފުންޏެއްގެ ޒިންމާދާރު ވެރިއެއްގެ މަޤާމެއްގައި ހުންނަވާ، މިހާގިނަ ޢަދަދެއްގެ ދައުލަތުގެ ފައިސާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ޢަބުދުﷲ ޒާހިރު އާއި އެކު ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި ހިންގިކަން ދަލީލު ކޮށްދޭ ހެއްކަކީ، ހީނާ ވަލީދު އެންސްޕާ އިން ނެރުނު ނޫސްބަޔާން ކަމަށެވެ.
އެ އެނޫސް ބަޔާނުގައި ބުނެފައިވަނީ، "އެއެޖެންސީ ހިންގުމަށް ލިބިފައިވާ ޢިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސް އިން ކުއްޔަށް ހިފުމުގެ މަސައްކަތްތައްވަނީ ކުރެވިފަ އެވެ. މިމުޢާމަލާތާއި ގުޅިގެން އެކުންފުނީގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ޙަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއްދައްކާ، މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، އެއްވެސް އަސްލެއްނެތް ދޮގުވާހަކަތައް ފަތުރަމުން ދިޔުމުގެ ސަބަބުން އެކުންފުންޏަށް މާއްދީގޮތުންނާއި މަޢުނަވީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމާއި ކުރިމަތިވެފައިވާތީވެ، މިއެއްބަސްވުން ނިމުމަކަށް ގެނައުމަށް އެކުންފުނިން ވަނީ ހުށަހަޅާފައެވެ." މިހެންނެވެ.
މާޒް ވިދާޅުވީ އެންސްޕާ އާއި ޢަބުދުﷲ ޒާހިރު ގެ އަމިއްލަ ކުންފުންޏަކާ ދޭތެރޭގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސާފޮކޮށް ފެންނަން އޮތް ޙަޤީޤަތަކީ، އޭނާއަކީ މާލީގޮތުން އެއްވެސް ތަނަވަސްކަމެއް ނެތްތާނގައި އިތުރު އެއްވެސް ވިޔަފާރިއެއް ކުރާ އަދި އެފަދަ ޤާބިލުކަމެއް ހުރިފަރާތެއް ނޫން ކަމަށެވެ. އަދި ޒާހިރަކީ މިހާރުގެ ރައީސް މުއިއްޒު އާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ފަރާތަކަށްވެފައި މުޢީއްޒު ގެ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތު ބެލެހެއްޓުމާ ޙަވާލުވެގެން ހުންނަފަރާތް ކަމަށްވުމުގެ އިތުރުން އެއްވެސް މަސައްކަތެއް ކުރާ ފަރާތެއް ނޫން ކަމަށެވެ.
އެހެންނަމަވެސް 17 މާރޗް 2024 ވަނަ އަހަރު މިދެންނެވި ޒާހިރު، މިނިސްޓުރީ އޮފް އިކޮނެމިކް ޑިވްލޮޕްމަންޓް އެންޑު ޓުރޭޑުގައި، މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާ އެކުންފުނީގެ ދަށުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށެއް ލައްކަ) ދިވެހި ރުފިޔާގެ ބޮޑު ވިޔަފާރިއެއް ދައުލަތުގެ ކުންފުންޏަކާއި ގުޅިގެން ހިންގާފައިވާއިރު މިވަރުގެ ބޮޑު ވިޔަފާރިއަކަށް ޒާހިރު ކޮލިފައިވެ އަދި ބޭންކް ގެރެންޓީ ހޯދާ މިކަންކަން ކުރީ ކިހިނެތްކަމާއިމެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ. އަދި މިހެންކަން ހުރުމުގެ ސަބަބުން، ސަބަބުވެރި އިންސަނެއްގެ ސިކުނޑިން ވިސްނާއިރު، ޒާހިރު އަކީ މިފަދަ ވިޔަފާރިޔަކަށް އެއްވެސް ޙާލެއްގައި ޤާބިލުކަމެއް ނެތް މީހެއްކަން އެންސްޕާގެ ވެރިއެއްގެ ގޮތުގައި ހުންނެވި ހީނާ ވަލީދު އަށް ސާފުކޮށް އެނގޭނެ ކަމަށާއި، މިމުޢާމަލާތް ހިންގާފައިމިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދުތަކާއި ޚިލާފަށް ޒާހިރު އަށް ނާޖާއިޒު މަންފާ ހޯދާދިނުމަށްކަމަށް ތުހުމަތު ކުރެވޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ.