
ކުރީ ސަރުކާރުގައިވެސް، މި ސަރުކާރުގައިވެސް ދައުލަތުގެ އޮޑިޓިން ފަންކުޝަން އޮތީ ވައު ކޮށްލާފައި ކަމަށް ޕިއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ތަހުގީގީ މަރުހަލާތަކުން ކުރަން ޖެހޭ ތަހުގީގުތައް ފުރިހަމަ ކުރުމަކީ މުހިއްމު ކަންކަން ކަމަށެވެ.
އެގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަން ޖެހޭ އޮޑިޓުތައް ކުރުމާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހުން ހިންގަން ޖެހޭ ތަހުގީގުތައް ފުރިހަމަކޮށް ރައްޔިތުންނާ ހަމައަށް ރައްޔިތުންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ގެނެސްދިނުމަކީ އެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނަމަވެސް މި ސަރުކާރުން ވެސް ކުރީ ސަރުކާރުން ވެސް ގެންދަނީ އެ މުއައްސަސާތައް ޕެރަލައިޒްކޮށް އޮޑިޓިން ފަންކްޝަން ޕާކުކޮށް އޭސީސީގެ ރައީސް އާދަމް ޝާމިލުވެސް ކަންކަމުގައި ޝާމިލު ނުކުރުވާ އިހުމާލުކުރުވަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭ އޮތީ ހުރިހާ ދިމާއަކުން ފެއިލްވެފައި ކަމަށާ އެ ފެއިލިޔަރގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ބަޔަކީ ފަނޑިޔާރުން ކަމަށެވެ.










