

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ އެކި މައްސަލަތަކުގައި 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ރޭ ބުނެފިއެވެ.
ރޭ ނެރުނު ބަޔާނެއްގައި އޭސީސީން ބުނީ، އެ ކޮމިޝަނާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 37 މައްސަލައެއް މިހާރުވެސް ތަހްގީގުކުރަމުން އަންނަ ކަމަށާއި، 161 މައްސަލައެއްގެ ތަހްގީގުތައް ނިންމައި، އެ މައްސަލަތައް މިހާރު ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.
އަދި އިތުރު 15 މައްސަލައެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަތައް ތަހްގީގުކުރުމަށްފަހު، މިހާތަނަށް 123،732،662 ރުފިޔާ ދައުލަތަށް ހޯދުމަށް އެ ކޮމިޝަނުން ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައިވާކަމަށް، އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނި ގޮތުގައި، އެ ކޮމިޝަންގެ ގާނޫނީ މަސްލަހަތު އަދާކުރަނީ އެއްވެސް ފަރާތަކަށް ބުރަނުވެ، ގާނޫނީ ހަމަތަކުގެ ތެރެއިން މިނިވަންކަމާއި މުސްތަގިއްލުކަމާއެކުގައެވެ.
އެ މުއައްސަސާއިން މިފަދައިން ބުނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ރޭ ބުނެފައިވަނިކޮށެވެ.