

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މޭސްތިރިޔާ އަހުމަދު އަދީބަށް މައާފު ދިން ސަބަބު ފަހުން ކިޔައިދޭނެ ކަމަށް ކުރީގެ ރައީސް، އިބްރާހިމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިފަދައިން ވިދާޅުވީ އަދީބަށް މައާފު ދިން ސަބަބާމެދު ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އެގޮތުން ހުކުރު ދުވަހުގެރޭ އެމްޑީޕީއިން އިސް ނަގައިގެން ބޭއްވި "ލޫޓުވައިފި" މުޒާހަރާއަށް ސޯލިހު ވަޑައިގެންނެވުމާ އެކު "ދައުރު" ނޫހުގެ ނޫސްވެރިޔާ މުޒައްޔިނު ނާޒިމް ވަނީ ރައީސް ސޯލިހުއާ ސަލާން ކުރައްވާ، އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަންނަވަމުން އަދީބުއަށް މައާފު ދެއްވީ ކިއްވެތޯ ސުވާލުކޮށްފައެވެ.
މުޒައްޔިނުގެ ސުވާލަށް ސޯލިހު ވިދާޅުވީ، "ތިވާހަކައަށް އަޅުގަޑުމެން ފަހުން ވާހަކަ ދައްކާލަމާ ހިނގާ ދެއްތޯ" މިފަދައިންނެވެ. އަދި އެ ވަގުތު ޖަވާބެއް ދެއްވެން ނެތްތޯ މުޒައްޔިނު ސުވާލުކުރުމުން ސޯލިހު ވިދާޅުވީ، " މިހާރު މިދަނީ މުޒާހަރާ ނިންމާފަ ގެއަށް ނުން" މިފަދައިންނެވެ.
🔍EXCLUSIVE: Our senior reporter @tedmaldives confronts X-president @ibusolih about his controversial decision to pardon ex-VP Adeeb, who was imprisoned in the MMPRC corruption case. 👉 Click to read the full story: https://t.co/FvMVAI5ISw pic.twitter.com/HqtxUsRvHl
— Dhauru (@Dhaurunews) October 5, 2025
އަދީބުއަށް މައާފު ދެއްވި ސަބަބާ ގުޅޭ ގޮތުން ފަހުން ވާހަކަ ދައްކަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، އަދީބަކީ، ރައީސް އަބްދުﷲ ޔާމީން ރިޔާސީ ރޭހުން އެއްފަރާތްކުރުމަށް އެމަނިކުފާނު ފްރޭމުކޮށް ސޯލިހުގެ ސަރުކާރުން އުފުލި ދައުވާތަކުގެ ބަންޑާރަ ހެއްކެވެ.
އެގޮތުން ރައީސް ޔާމީންއާ ދެކޮޅަށް ހެކި ދިނުމަށް ސޯލިހުގެ ސަރުކާރުން އަދީބާ އެކު ޑީލު ހަދާ އެއްބަސްވުންތަކެއްގައި ސޮއިކޮށް އަދަބު ލުއިކޮށް ގެއަށްވެސް ބަދަލުކޮށްދިނެވެ. އޭގެ ފަހުން ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ސޯލިހު ވަނީ އަދީބުއަށްވެސް މައާފު ދީފައެވެ.
އަދީބުގެ އިތުރުން، ސޯލިހް ވަނީ ހަމަ އެ ދުވަހު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުންނެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް މާފު ދެއްވާފަ އެވެ. މި ދެ ބޭފުޅުންނަށް މާފު ދެއްވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އޭރު އޮފިޝަލުންނާ ވެސް ނޫސްވެރިން ސުވާލު ކުރުމުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އަދީބަށް ދެއްވި މައާފާ އެކު ހަމަ އެ ހަފްތާގައި ވެރިކަން ބަދަލުވުމާ އެކު، އަދީބު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އަދީބު މިހާރު ދިރުއުޅުއްވަނީ ދުބާއީގަ އެވެ.