

ލޯންގް-ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރުއޭޑީ) މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން 3 އޮކްޓޫބަރު 2025 ވީ، ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ސުލްހަވެރި މުޒާހަރާގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެލްއާރުއޭޑީ ބޭނުންކޮށްފައިވާތީ، މާލެ ސިޓީގެ މޭޔަރ ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާޒިމްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާ އެތަނަށް ޖަމާވެފައި ތިބި ބަޔަކު ރޫޅާލުމަށް އެ އާލާތް ބޭނުންކުރެވުނު ގޮތްތަކުގެ އެކަށީގެންވާ މިންވަރާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް އާޒުމް ވިދާޅުވެފައެވެމ
ނޫސް ބަޔާންގައި އިތުރަށް ބުނެފައިވަނީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، އިޚްތިރާމް ކުރަންޖެހޭ ކަމަށާ އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަނެވި، ހެޔޮވެރިކަމެއްގެ އުސޫލުތަކާއި ޚިލާފުވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މިސުލްހަވެރި މުޒާހާރާ ރޫޅާލުމަށާއި ކޮންޓްރޯލްކުރުމަށް ބޭނުންކުރެވުނު އުސޫލުތަކުގެ ބޭނުންތެރިކަމާއި ރައްކާތެރިކަމާއި ޑިމޮކްރެޓިކް ޒިންމާދާރުކަމާމެދު ސުވާލު އުފައްދަވާއާޒިމްގެ އާޒިމްގެ އެ ބަޔާނުގައިވަނީ އަދި ސުލްހަވެރި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކަންފަތުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، އަޑު ބައްވުން ފަދަ ސިއްހީ ހާދިސާތައް ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ.
ހަމައެހެންމެ މި ކަމުން މުޅި މުޖްތަމައަށް ނޭދެވޭ އަސަރުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. މިކަންބޮޑުވުން ތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(ހިއުމަން ރައިޓްސް ކޮމިޝަން) އިން މިކަންކަން މުރާޖަޢާ ކޮށްދެއްވުމަށް ވެސް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. އަދި މި ހާދިސާ ރިވިއުކޮށް، ކުރިއަށް އޮތް ތަނުގައި އެއްވާ މީހުން މަތަ ކުރުމުގައި ބޭނުންކުރެވޭ ހުރިހާ އުސޫލުތަކަކީ، އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް މިނިވަންކަމަށް އިހުތިރާމް ކުރާ އުސޫލުތަކެއްކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ބަޔާނުގައި ގޮވާލައްވާފައިވެއެވެ.
ބަޔާން ނިންމަވާ ލައްވާފައިވަނީ މާލޭސިޓީގެ މޭޔަރު ގެ ހައިސިއްޔަތުން، އަބަދުވެސް ރައްޔިތުންގެ ޙައްޤުތަކާއި، ރައްކާތެރިކަމާއި، ދުޅަހެޔޮކަން ރައްކާތެރިކޮށް، ހުރިހާ ރައްޔިތުންގެ ހެވާއިލާބައަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނާނެ ކަމުގެ ޔަގީން އަރުވަ، މިކަމާ ގުޅޭ ގޮތުން ކޮމިޝަނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށްހުންނެވި ކަންވެސް ފާހަގަކުރައްވާފައެވެ.
3 ވަނަ ދުވަހުގެރޭ ބޭއްވި މުޒާހަރާގައި އެލްއާރުއޭޑީ ބޭނުންކުރީ އެސްއޯޕީތަކާ ޚިލާފަށް ކަމަށް މާހިރުން ބުނި ނަމަވެސް ފުލުހުން ވަނީ އެކަން ދިފާއުކޮށްފައެވެ.