

ފުލުހަކު ދުއްވި ކާރު އެކްސިޑެންޓުވި މައްސަލައެއް ކަމާ ގުޅުން ހުރި އިދާރާތަކަށް ރިޕޯޓުނުކުރުމުން އެ ފުލުސް މީހާ ހައްޔަރަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 1:00 އެހާކަންހާއިރު ފުލުހަކު ދުއްވި ކާރެއް ހުޅުމާލޭ ފިތުރޯނު މަހު ވެމްކޯ ކައިރިން އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުުވެ އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދީފައި ގެއަށްދިޔަ ނަމަވެސް އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.
އެ މީހާ އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުނުކުރުމުން މަޑުނުކޮށްދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައެވެ. ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.
މި ފުލުސް މީހާ މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑުކޮށްފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.