theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ސޯޝަލް މީޑިއާ
ހަބަރު
ޕީއެސްގެ މައްސަލައިގައި ޖަވާބުދާރީ ވާން ސީއެސްސީގެ މައްޗަށް އަމުރެއް
Yana Shareef
ޔާނާ ޝަރީފް
11 އޮކްޓޯބަރު 2025

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން މީހަކު ވަކިކުރި މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން އެ ޓްރައިބިއުނަލުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ފާތުމަތު ޝައުފާ، ދޯޅަނބުގެ، ލ. ފޮނަދޫ، ވަކިކުރުމާއ،ި ޓޫރިޒަމް މިނިސްޓްރީ، ޓޫރިޒަމާއި ތިމާވެއްޓާބެހޭ މިނިސްޓްރީއަށް ބަދަލުވިއިރު، އެތަނުގެ ޕީއެސްގެ މަގާމަށް މީހަކު އައްޔަންކުރުމަށް ކުރިއަށްދިޔަ އިދާރީ ޕްރޮސެސްގައި ގާނޫނުއަސާސީއާ ހިލާފަށް ތަފާތުކުރުމާ އެކު، ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ އާއ،ި ތަފާތުކުރުމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމާއި ވަޒީފާ ލިބިގަތުމުގެ ހައްގުން މަހްރޫމް ކޮށް، ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދީފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޝައުފާގެ ފަރާތުން ހުށަހަޅާފައިވަނީ، ތަފާތުކުރުމުގެ ގޮތުން އޭނާއަށް އިދާރީ ފިޔަވަޅުތައް އަޅާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއ،ި އެ ތަފާތު ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއްކަމުގައި ކަނޑައަޅައިދިނުމަށާއ،ި އޭނާއާމެދު ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ކަމުގެ ބަދަލެއްގެ ގޮތުން އޭނާ ހުރި މަގާމުގެ މުސާރަ އާއި އިނާޔަތްތައް މަގާމުގެ މުއްދަތަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައ،ި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް އަމުރުކޮށްދިނުމަށާއ،ި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އޭނާ ހަރަދުކޮށްފައިވާ 35،000 ރުފިޔާއަށް މައްސަލަ ރައްދުވާ ފަރާތުން ޖާމިނު ވާން ޖެހޭނެކަމަށް ކަނޑައަޅައ،ި ޝަރީއަތުގެ ހަރަދުގެ ފައިސާ ނަގައިދިނުމަށެވެ.

މި މައްސަލައާ ބެހޭގޮތުން އިޖުރާއީ ނުކުތާއެއް ހުށަހަޅައި ސީއެސްސީން ބުނެފައި ވަނީ މި މައްސަލައަކީ، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޕީއެސް މަގާމުން ވަކިކުރުމުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ އެ ވަޒީފާގެ ގޮތުން އިސްތިއުފާ ދޭން ޖެހޭ ނުވަތަ މުސްކުޅިކުރަން ޖެހޭ ދުވަސް އައުމުން ވަޒީފާއިން ވަކިކޮށްފި ނަމަ އެ ކަމުގެ ޝަކުވާ ކުރުމުގެ ހައްގު އެ މުވައްޒަފަކަށް ލިބިގެން ނުވާކަމަށް ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާކަމަށެެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލަތަކުގެ ތެރޭގައި ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ހުށަހެޅޭ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ބުނެ، މިއީ ޓްރައިބިއުނަލަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައިދިނުމަށާއި މި މައްސަލަ އިތުރަށް ކުރިއަށްގެންދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށްވެސް ސީއެސްސީގެ ފަރާތުން ޓްރައިބިއުނަލްގައި އެދުނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved