

ފެންނަމުން ދަނީ އެމީހަކަށް އަތުޖެހުނު ގޮތަކަށް ހޭބޯ ނާރާ ރައްޔިތުންގެ ފައިސާ ލޫޓުވަމުންދާ މަންޒަރު ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ގައުމުގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާއި، ސަރުކާރުން ހިންގާ ތަފާތު އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ބައެއް ފޮޓޯތައް ހިއްސާ ކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، އެއްވެސް ހަމައެއް، ލަމައެއް، އުސޫލެއް ނެތި މިހިރަ ހުރިހާ ކަމެއްވެސް މިއަދު ހިނގަމުން މިދަނީ ދައުލަތުގެ ތިންބާރު ޕެރަލައިޒްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
ވެރިކަމުގެ ބާރުން، އަނެެއް ދެ ބާރު ހިސޯރުކޮށްފައިވާ މިންވަރު ރައްޔިތުންގެ ލޮލަށް ފެންނަމުން ދާކަމަށާއި، ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލިސް މެމްބަރުން ސަރުކާރުގެ އުނގަށް ވެއްޓި މަންމަނުވެ ބަސް ހުއްޓިފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ އެމީހަކަށް އަތުޖެހުނުގޮތަކަށް ހޭބޯ ނާރާ ރައްޔިތުންގެ ފައިސާ ލޫޓުވާ ތަން ކަމަށެވެ.
އެއްވެސް ހަމައެއް ،ލަމައެއް ، އުސޫލެއް ނެތި މިހިރަ ހުރިހާ ކަމެއްވެސް މިއަދު ހިގަމުން މިދަނީ ދައުލަތުގެ ތިންބާރު ޕެރަލައިޒްވެފައި އޮތުމުގެ ސަބަބުން..ވެރިކަމުގެ ބާރުން އަނެެއް ދެބާރު ހިސޯރުކޮށްފައިވާ މިންވަރު ރައްޔިތުންގެ ލޮލަށް ފެންނަމުންދަނީ..ރައްޔިތުން އިންތިހާބު ކުރެއްވި… pic.twitter.com/oeTECcF9xr
— Mohamed Abbas (@Abbasvelidhoo) October 14, 2025
އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މަސްރަހުގައި އެންމެ ހޫނު ހަބަރުތަކަށް ބަލާއިރު، ފުލުހުންގެ "ބޮޑީ ކެމް" ކެމެރާތައް ގަތުމުގައިވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަމާޒުކޮށްފައިވާ ތުހުމަތުތަކާއި، އުމްރާނީ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ އެމްއޭސީއެލްގެ ދަށުން ކުންފުންޏެއް އުފެއްދުމާއި، އެންވަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ނުކުރަނީސް ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވުން ފަދަ ޖަރީމާތައް ހިމެނެއެވެ.