

ރާއްޖޭގެ ޖުޑިޝިއަރީ ނުވަތަ ކޯޓުތައް މިނިވަން ވާނީ ސަރުކާރުން ހެޔޮ ނިޔަތާއެކު އެކަން ބޭނުންވުމުން ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެން ގޮތަށް އެކަން ކުރައްވާނެ ތާރީޚެއް ވިދާޅުވާން ބަންޑާރަނައިބު އަހުމަދު އުޝާމް ދެކޮޅު ހެއްދެވުމާ އެކު އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ޖުޑިޝިއަރީ މިނިވަން ކުރަން ސަރުކާރުން ބޭނުން ނުވާހާ ހިނދަކު ޖޭއެސްސީއަށް އިޞްލާހެއް ނުގެންނާނެ ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް މުއިއްޒު އަދި ކޮންމެ ވެރިއެއްގެ ބާރާއި ނުފޫޒުން ފަނޑިޔާރުން މިނިވަންވެދާނެ ކަމެެއް ކަމަށް ހީވާތީ ތިކަން ކުރަން އަދުގެ ސަރުކާރުން ބޭނުން ނުވަނީ ކަމަށް ވިދާޅުވެ ޑރ ޖަމީލު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ފަދަ މާތް ވެރިއެއްގެ މުށުތެރޭ ޖުޑިޝަރީ އޮތުން ގޯސް ތޯ ކަމަށެވެ.
ޖުޑިޝަރީ މިނިވަން ކުރަން ސަރުކާރުން ބޭނުން ނުވާހާހިނދަކު ޖޭއެސްސީއަށް އިޞްލާހެއް ނުގެންނާނެ.ތިކަމަކީ މުއިއްޒު އަދި ކޮންމެ ވެރިއެއްގެ ބާރާއި ނުފޫޒުން ފަނޑިޔާރުން މިނިވަންވެދާނެ ކަމެެއްކަމަށް ހީވާތީ ތިކަންކުރަން ބޭނުން ނުވަނީ. މިފަދަ މާތް ވެރިއެއްގެ މުށުތެރޭ ޖުޑިޝަރީ އޮތުން ގޯސް؟ https://t.co/wwQrwAisxv
— Mohamed Jameel Ahmed (@MJameelAhmed) October 15, 2025
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ޖޭއެސްސީން ސިޔާސީ ނުފޫޒު ނައްތާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރުވާން ކައިރިވިއިރު މިހާތަނަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާފައެއް ނުވެއެވެ.